ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އެނބުރި އައުމުން އެ ގައުމުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބިރުން ހަލާކުވެފައި ވާއިރު ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް މިކަމުގެ ބިރުވެރިކަން ވަނީ ފެތުރިފަ އެވެ. އެ ގައުމު ދޫކޮށް ފުރާ މީހުން ގެންދަން ކާބުލް އެއާޕޯޓު ހުޅުވާލާފައި ވާއިރު މަރަށް ފިލަން ދުވާހެން އެއާޕޯޓާ ދިމާލަށް އެތައް ހާސް ބަޔަކު ދުވާ މަންޒަރަކީ ވަރަށް ވެސް ހިތަށް އަސަރުކުރުވާ ކަހަލަ މަންޒަރެކެވެ.
މީގެ 20 އަހަރު ކުރިން ތާލިބާނުންނަށް އަފްޣާނިސްތާނުގެ ވެރިކަން ލިބުމުން ކަންތައް ކުރި ގޮތުގެ ބިރުވެރި ތަޖުރިބާތައް ކޮށްފައިވާ މީހުން އެ ގައުމުގައި ވަރަށް ގިނަ އެވެ. މަރަށް ފުރާނައަށް އެމީހުން އެ ދުވަނީ އެ ދުވަސް އަލުން ދެކެން ބޭނުން ނުވާތީ އެވެ. މިގޮތަށް ފިލަން ދުވި މީހުންގެ ވާހަކަ ތަކުން ވެސް އެންމެ ފާހަގަ ކޮށްލެވޭ އެއް ވާހަކައަކީ ނާދިއާ ގުލާމް ކިޔާ އަންހެނަކަށް ކުރިމަތިވީ ހަގީގީ ހާދިސާތަކެވެ.
ނާދިއާ ގުލާމް އަށް ބައިނަލްއަގުވާމީ ދުނިޔޭގައި މަޝްހޫރުކަން ލިބުނީ ސިފަ ބަދަލު ކޮށްގެން 10 ވަރަކަށް ދުވަހު އޭނާ އުޅެފައިވާތީ އެވެ. ތާލިބާނުން މީގެ 20 އަހަރު ކުރިން އަފްޣާނިސްތާނުގައި ވެރިކަން ކުރިއިރު ހުރިހާ އަންހެނުން ތިބެން ޖެހުނީ މޫނު ބުރުގާ އަޅައިގެންނެވެ. ނަމަވެސް ނާދިއާ އުޅުނީ ފިރިހެނުން އަޅާ ޒާތުގެ ހެދުން އަޅައިގެން ފިރިހެން ކުއްޖަކަށް ހެދިގެންނެވެ.
އަފްޣާނިސްތާނުގެ އެކި ތަންތަނަށް އޭނާ ގޮސް އުޅުނީ އެއްވެސް ފަރުދާއަކާ ނުލަ އެވެ. އޭރު އެކަކަށް ވެސް އޭނާއަކީ އަންހެންކުއްޖެއް ކަމެއް ނޭނގޭތީ އެވެ.
ތާލިބާނުން ވެރިކަމަށް އައިއިރު ނާދިއާއަކީ އަފްޣާން ރައްޔިތެކެވެ. އޭރު ނާދިއާއަށް އަށް އަހަރެވެ. ތާލިބާނުން ދިން ބޮމުގެ ހަމަލައިގައި އޭނާގެ ގެ ބިމާ ހަމަވި ތަން ނާދިއާ ވަނީ ދެކެފަ އެވެ. އަދި މި ހާދިސާގައި ކޮއްކޮ މަރުވީ ނާދިއާ ކުރިމަތީގަ އެވެ. މޮޅަށް ކިޔެވުމުގެ ޝައުގުވެރިކަމުގައި ހުރި ނާދިއާ ކިޔެވުމުން މަހްރޫމްވި އެވެ.
އުމުރުން 11 އަހަރުގައި އަންހެންކުއްޖެއްގެ ސިފައިން ފިރިހެން ކުއްޖެއްގެ ސިފަޔަށް އޭނާ ބަދަލުވި އެވެ. އަދި އާއިލާގެ މީހުންނާ ވެސް ދުރުގައި ދިރިއުޅެން ފެށި އެވެ. އޭނާގެ ހަގީގަތް ދެންމެ ދެންމެ ފަޅާ އަރާފާނެ ކަހަލަ ކިތަންމެ ފަހަރެއް ވެސް ނާދިއާ ތަޖުރިބާ ކުރި އެވެ. ނަމަވެސް ނަސީބަކުން އޭނާއަށް ކޮންމެ ފަހަރަކު ވެސް ސަލާމަތް ވެވެނީ އެވެ.
ފިރިހެންކުއްޖެއް ގޮތަށް ދިރިއުޅެމުން ގޮސް އޭނާއަކީ އަންހެންކުއްޖެއް ކަން ހުދް ނާދިއާ ހަނދާން ނެތުނެވެ. ނަމަވެސް އެގޮތުގައި އޭނާ ހޭދަކުރި 10 އަހަރު އާއިލާގެ ހުރިހާ ޚަރަދެއް ބެލެހެއްޓީ އޭނާ ކުރި މަސައްކަތުންނެވެ.
އެންމެ ފަހުން އަފްޣާނިސްތާނުން ފިލައިގެން ސްޕޭނަށް ދިއުމުގައި ވެސް ނާދިއާ ވަނީ ކާމިޔާބު ހޯދާފަ އެވެ. މިހާރު އޭނާ ދިރިއުޅެމުން ދަނީ އަފްޣާން ރެފިއުޖީއެއްގެ ގޮތުގައި ސްޕޭނުގަ އެވެ. އެ ގައުމުގެ ނޫސްވެރިޔާ އެގްނެސް ރޮޓްގާ އާ ގުޅިގެން ނާދިއާ ވަނީ އޭނާގެ ހަޔާތުގެ ވާހަކަ ފޮތެއްގެ ސިފައިގައި ލިޔެ ޝާއިއު ކޮށްފަ އެވެ. އެ ފޮތުގެ ނަމަކީ 'ދަ ސީކްރެޓް އޮފް މައި ޓާބަން" އެވެ.