އިންސާނިއްޔަތުކަން ހުންނަނީ މަދު ބައެއްގެ އެވެ. ހާއްސަކޮށް މަގުމަތީގައި އެއްޗެތި ވިއްކަން އުޅޭ ކުދިންނާއި މީހުންނަށް އިންސާނިއްޔަތުގެ ނަޒަރަކުން ބަލާލަނީ މަދު ބައެކެވެ. ބައެއް ފަހަރަށް މިފަދަ މީހުންގެ އަތުން ގަނެލާ އެންމެ ގަލަމެއް، ޓިޝޫ ޕެކެޓެއް ފަދަ އެއްޗަކީ އެ މީހެއްގެ ނުވަތަ ކުއްޖެއްގެ މުޅި ދުވަހުގެ ކެއުމަށް ބޭނުންވާ ފައިސާކޮޅު ކަމަށް ވެސް ވެދާނެ އެވެ.
މިހާރު އިންޓަނެޓުގައި ވައިރަލްވެގެން އުޅޭ އެއް ވީޑިއޯ އަކީ ގަލަން ވިއްކަން އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ މަގެއް މަތީގައި އުޅުނު ކުޑަ ކުޑަ އަންހެން ކުއްޖެއްގެ އަތުން މީހަކު އޭނާގެ އަތުގައި ހުރި ހުރިހާ ގަލަމެއް ގަންނަ މަންޒަރު ފެންނަ ވީޑިއޯ އެކެވެ. އެމީހާ ހުރިހާ ގަލަން ގަންނަކަން އެނގުމުން ކުޑަ އަންހެންކުއްޖާގެ މޫނަށް ވެރިވި އުފާވެރިކަން މި ވީޑީއޯގައި ފެނެ އެވެ.
ނާހިރާ ޒިޔާއޭ ކިޔާ މީހަކު ޓުވިޓާގައި ޕޯސްޓްކުރި މި ވީޑީއޯއިން ފެންނަނީ ކާރެއްގެ ތެރޭގައި އިށީނދެ އިން އަންހެނަކު މަގުމަތީގައި ގަލަން ވިއްކަން ހުރި ކުޑަ އަންހެންކުއްޖާގެ ކައިރީގައި އޭނާގެ ނަން އަހާ މަންޒަރެވެ.
ވަރަށް ރީތި ދެ ލޮލެއް ހުރި މި ކުޑަ ކުއްޖާ ޖަވާބުގައި ބުނަނީ އޭނާއަށް ކިޔަނީ ޒައިނަބު ކަމަށެވެ. ދެން އަންހެންމީހާ އަހަނީ މަގުމަތީގައި އެ ކުއްޖާ ވިއްކަނީ ކޯޗެއްތޯ އެވެ. އެ ކުއްޖާ ބުނަނީ ގަލަން ކަމަށެވެ.
އެ ކުއްޖާ އަތުގައި ހުރި ހުރިހާ ގަލަން ގަންނަން ބޭނުން ކަމަށް އަންހެންމީހާ ބުނުމުން އެ ކުއްޖާ އުފަލުން ފޮޅެ އެވެ. އެ ކުއްޖާގެ ހުރިހާ ގަލަމެއް ވިއްކާފައި އެ ގަލަމުގެ އަގަށް ވާ ވަރަށް ވުރެ ގިނަ ފައިސާ އަންހެންމީހާ އެ ކުއްޖާ އަށް ދެއެވެ. އަދި ކުޑަ ކުއްޖާއަށް މިވީ ގޮތެއް ނޭނގި ވަރަށް ހާސްވެ އެވެ. އޭނާއަށް ލިބެންވާ ވަރަށް ވުރެ މާ ގިނައިން ލިބިގެންނެވެ. ނަމަވެސް އެއީ އޭނާއަށް ވަރަށް ނަސީބުވެރި ދުވަހަކީ ކަން ކުޑަކުއްޖާ އަށް ވަރަށް އަވަހަށް އިހްސާސްވެ އެވެ.
މި ވީޑީއޯގެ ކެޕްޝަންގައި ބުނެފައިވާ ގޮތުގައި ކުޑަ ކުއްޖާ މަގުމަތީގައި ގަލަން ވިއްކަން އުޅެނީ އޭނާގެ އާއިލާއަށް އެހީތެރިވުމުގެ ގޮތުންނެވެ.
މި ވީޑީއޯ އިން ފެންނަ އަންހެންމީހާ އަކީ އިންސާނީ ހިދުމަތުގައި އުޅޭ މީހެކެވެ. އަދި މި އަންހެންމީހާ ކުޑަ ކުއްޖާއަށް އެހީތެރިވީ މަންޒަރު ބަލާފައި އޭނާއަށް ބައެއް މީހުން ތައުރީފުކުރިއިރު އަނެއް ބަޔަކު ހިތްހަމަނުޖެހިގެން ކޮމެންޓްތައް ކުރި އެވެ.
ހިތްހަމަނުޖެހުނު މީހުން ބުނެފައިވަނީ ކުޑަ ކުއްޖާއަށް އެހީވުން ރަނގަޅު ނަމަވެސް އެ މަންޒަރު ވީޑީއޯކޮށް އިންޓަނެޓުގައި ދައުރުކުރުން ރަނގަޅު ނޫން ކަމަށެވެ.