އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެން މިހާރު އުފެދިފައިވާ ކޯޅުންތަކާ ގުޅިގެން އެ ޕާޓީގެ އާންމު މެމްބަރުންގެ މާޔުސްކަން ވަރަށް ބޮޑުވެފައިިވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެ އެވެ.
ހުސެއިން މިހެން ވިދާޅުވީ ފެނާއި ނަރުދާމާގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލުގެ ބަހުސްގައި މިއަދު އެވެ.
އޭނާ ވިދާޅުވީ ވިދާޅުވީ ފެނާއި ނަރުދަމާ ފަދަ މުހިންމު ވަސީލަތްތައް ރިޔާސީ މި ދައުރުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމް ކުރަން މަސައްކަތް ކުރަމުންދާ އިރު ސަރުކާރުގެ މި ދައުރު ފުރިހަމަ ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންނަށް ލިބިދޭން ޖެހޭ އަސާސީ ހިދުމަތްތައް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ކެމްޕޭންގެ ހިޔަނި އެޅިގެން ނުވާނެ ކަަމަށެވެ.
އެމްޑީޕީގެ ޗެއާ ޕާސަންގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވާދަ ކުރައްވާ އިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވެސް ވާދަކުރައްވަ އެވެ. ހުސެއިން ތާއީދު ކުރައްވަނީ ފައްޔާޒް އަށެެވެ.
ހުސެއިން މިއަދު ވަނީ ފައްޔާޒަށް ތާއީދު ކުރައްވާ ސަބަބު ވެސް ވިދާޅުވެފަ އެވެ. އެއީ ފައްޔާޒަކީ ރަނގަޅު ހިންގުންތެރިއަކަށް ވާތީ ކަމަށާއި އެހެން އެއްވެސް ސަބަބެއް އޮވެގެން ނޫން ކަމަށް އޭނާ ވިދާޅުވި އެެވެ. ނަމަވެސް ވަކި ބޭފުޅަކަށް ތާއީދު ކުރަމަކީ ވަކި ބޭފުޅަކާ އިދިކޮޅު ވުމެއް ނޫން ކަަމަށާއި އަދި ހުރިހާ ބޭފުޅުންނާ ވެސް މޫނު ދިމާކޮށް ވާހަކަ ދެކެވެން ޖެހޭނެ ކަމަށެވެ.
"އަޅުަގަނޑުގެ އާދޭހަކީ އެމްޑީޕީގެ ދަފުތަރުގައި އޮންނަ ކޮންމެ ބޭފުޅުކު ވެސް ވާދަ ކުރާ ކޮންމެ މަގާމެއްގައި ވެސް އެ ބޭފުޅަކަށް ތާއީދުކުރުމުގެ ފުރުސަތު އާންމު މެމްބަރުންނަށް ވެސް ދިނުން. އަދި މަޖިލީހުގެ މެމްބަރުންނަށް ވެސް ގައުމީ މަޖިލީހުގެ މެމްބަރުންނަށް ލިބިގެން ދިއުން." ހުސެއިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ޕާޓީ ބައިބައިވުމަށް ކުރާ މަސައްކަތާމެދު ހިތާމަ ކުރައްވާ ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެން ވަކި ފަރާތަކަށް ތާއިދުނުކުރާތީ ސަރުކާރުގެ ވަޒީފާތަކުން ވަކިކުރާ ކަަމަށް ބުނެ އިމްތިޔާޒްއަށް ތާއީދުކުރައްވާ ފެކްޝަނުން މަޖިލީހަށް ކުއްލި މައްސަލައެއް ވެސް އިއްޔެ ހުށަހެޅި އެވެ. އަދި އެ މައްސަލައިގެ ބަހުސްގައި ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރި އެވެ.