ދުނިޔެ

ޔުކްރޭނުން ރަޝިއާ ފޭބުމަށް ގޮވާލާ ގަރާރު ފާސްކޮށްފި

ރަޝިއާ ޔުކްރޭނަށް އަރައިގަނެ ދެމުން ގެންދާ އަސްކަރީ ހަމަލާތަކާ ބެހޭ ގޮތުން އދ. ގެ އާންމު މަޖިލީހުގައި މަޝްވަރާކުރުމަށް ފަހު، ރަޝިއާއާ ދެކޮޅަށް ގަރާރު ފާސްކޮށްފި އެވެ.

ގަރާރު ފާސްކޮށްފައި ވަނީ 193 މެންބަރު ހިމެނޭ އާންމު މަޖިލީހުގެ އަގުލަބިއްޔަތުންނެވެ. ރަޝިއާއަށް ގައުމުތަކުން ގޮވާލަނީ ލަސްނުކޮށް ހަނގުރާމަ ހުއްޓާލުމަށާއި ޔުކްރޭނުން އަވަހަށް ފޭބުމަށެވެ.

ޔުކްރޭންގައި ރަޝިއާ ހިންގަމުން ގެންދާ ޚާއްސަ އޮޕަރޭޝަނާ ބެހޭ ގޮތުން އދ. ގެ އާންމު މަޖިލީހުގައި ދެދުވަސް - ހޯމަ އަންގަރަ- ވަންދެން ގައުމުތަކުން ވަނީ މަޝްވަރާކޮށްފަ އެވެ. ކޮންމް ގައުމަކުން ވެސް ފާޅުކޮށްފައި ވަނީ އެގައުމަކަށް ފެންނަ މިނިވަން ޚިޔާލެވެ.

އާންމު މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރި ނަމަވެސް މިއީ ގާނޫނީ ބާރެއް ލިބިގެންވާ ގަރާގެއް ނޫނެވެ. އެހެންކަމުން މި ގަރާރަށް ބޯނުލެނބުމަކުން ރަޝިއާއަށް ދެވޭނެ އަދަބެއް ނޯންނާނެ އެވެ.

އދ. އިން މިފަދަ ގަރާރުތައް ފާސްކުރުމުގެ ބޭނުމަކީ އެކަމަކަ ބެހޭ ގޮތުން ދުނިޔެ ދެކޭ ގޮތް ބެލުމެވެ. ހުށަހެޅިފައި އޮތް ކަމަކަށް ތާއީދުކުރަނީ ކިތައް ގައުމުތޯ ނުވަތަ ނުކުރަނީ ކިތައް ގައުމުތޯ ބެލުމެވެ.