މުހައްމަދު އަސްލަމް

އަސްލަމްގެ ތާއީދު ފައްޔާޒަށް

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) އަށް ތާއީދު ކުރެއްވުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕް (ޕީޖީ) ގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ނިންމަވައިފި އެވެ.

ފައްޔާޒު އެންޑޯސް ކުރައްވާކަން ހާމަކުރައްވާ އަސްލަމް މިއަދު ވަނީ އެކަން އިއުލާނު ކުރައްވާފައެވެ. ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަކޮށް އަސްލަމް ޓްވީޓެއް ކުރައްވާފައި މިވަނީ ފައްޔަގެ ކެމްޕެއިން ޓީމުން އައްޑޫ ސިޓީއަށް މިރޭ ދިއުމަށް ހަމަޖެހިފައިވަނިކޮށެވެ. އަދި މިއަދު މެންދުރު ފަހު އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޓީމް އައްޑޫ ސިޓީއަށް ގޮސްފައިވަނިކޮށެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ފައްޔާޒަށް ތާއީދު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ފައްޔާޒަކީ ވަރުގަދަ ލީޑަރެއްކަން ސާބިތުކޮށް ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ފައްޔާޒުގެ ލީޑާޝިޕްގެ ދަށުން އެމްޑީޕީ އަށް އިތުރު ކާމިޔާބީ އާއި ކުރިއެރުން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ޗެއާޕާސަންގެ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެންބަރުންގެ ތާއީދު އޮތީ މިނިސްޓަރު ފައްޔާޒަށެވެ. ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އެމްޑީޕީގެ އާންމު މެންބަރުންގެ ބޮޑު ތާއީދެއްވެސް ފައްޔާޒަށް އެބައޮތެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ފައްޔާޒުގެ ކެމްޕެއިން ފެށުމަށް ށ. މިލަންދޫގައި ބޭއްވި ބިޔަ ޖަލްސާއިން އެކަން ވަނީ އިތުރަށް ސާބިތުކޮށްދީފައެވެ.

ފައްޔާޒު އާއި ވާދަކުރައްވާ މެންބަރު އިމްތިޔާޒުގެ ކެމްޕެއިންގައި ބޮޑަށް ބައިވެރިވެވަޑައިގަންނަވަނީ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޭފުޅުންނާއި އެމަނިކުފާނަށް ވަަފާތެރި މެންބަރުންނެވެ. އައްޑޫ ސިޓީއަށް އިންތި ކުރައްވާ ދަތުުރުގައި މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްްމަދު ވަހީދު އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އާއި މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އާއި އިނގުރައިދޫ ދާއިރާގެ މެންބަރު އަހުމަދު ހަސަން ބައިވެރިވެވަޑައިގަންނަވައެވެ.

އަދި އެމްޑީޕީގެ ކުރީގެ ޗެެއާޕާސަން ހަސަން ލަތީފް އާއި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒުވެސް ބައިވެރިވެވަޑަައިގަންނަވައެވެ.