މުހައްމަދު އަސްލަމް

އެމްޑީޕީ ހިންގާލެވޭނީ ފައްުޔާޒަށް: އަސްލަމް

Apr 8, 2022
1

އެމްޑީޕީގެ ލީޑަޝިޕްގައި މިވަގުތު ތިއްބެވި ބޭފުޅުންނަށް އެ ޕާޓީގެ އަސާސީ ގަވައިދުގައިވާ ކިތަންމެ ކަމެއް ނުކޮށް ދޫކޮށްލާފައިވާތީ ކުރިއަށް އޮތް ދުވަސްތަކުގައި އެމްޑީޕީ ހިންގާލެވޭނެ ބޭފުޅަކީ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަމުން ގެންދަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ ފައްޔާޒުގެ ކެމްޕޭނަށް ކ. ގާފަރާއި ކ. ކާށިދޫ އަށް ކުރެއްވި ދަތުރުފުޅުގައި ކާށިދޫގެ އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ އަސްލަމް ވިދާޅުވީ ޕާޓީގެ ލީޑަޝިޕުން ކުރަންޖެހޭ ކަންތައްތަކެއް އެމްޑީޕީގެ އަސާސީ ގަވައިދުގައި ހުރި އިރު މިހާރު ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންނަށް އެކަންކަން ކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން އަލުން މަގާމު ލިބިއްޖެނަމަ އެކަންކަން ކުރައްވާނެ ކަމަށް ބޭފުޅަކު ވިދާޅުވި ނަމަވެސް އެއީ ގަބޫލުކުރައްވަން ދަތި ވާހަކަތަކެއް ކަމަށް ވިދާޅުވި އެވެ.

އަސްލަމްގެ ވާހަކަފުޅުގައި މިނިސްޓަރު ފައްޔާޒުއާ ވާދަކުރައްވަމުން ގެންދަވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީގެ ނަން ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް އިމްތިޔާޒަކީ މިދިޔަ ދުވަސްތަކުގައި އެމްޑީޕީގެ ސްޕޯކްސްޕާސަން އެވެ. އަދި އެމްޑީޕީގެ ނައިބް ރައީސްގެ ގޮތުގައި މިވަގުތު ހުންނެވި މުހައްމަދު ޝިފާޒާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ގެންދަވަނީ އިމްތިޔާޒުގެ ކެމްޕޭންގެ ހުރިހާ ހަރަކާތެއްގައި ބައިވެރިވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތާއީދު ކުރައްވަނީ މިނިސްޓަރު ފައްޔާޒަށް ކަމަށް ބެލެވޭއިރު އެމްޑީޕީގެ ރައީސް ނަޝީދު ތާއީދު ކުރައްވަނީ މެންބަރު އިމްތިޔާޒަށް ކަމަށް ބެލެވެ އެވެ. އެހެންކަމުން ޕީޖީ ލީޑަރު އަސްލަމްގެ ފާޑު ވިދާޅުވުން އަމާޒުވީ އިމްތިޔާޒުގެ ކެމްޕޭން ޓީމަށް ކަމަށް ބެލެވެ އެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި އެ ޕާޓީ ހިންގުމުގައި އަމަލުކުރަންވީ ގޮތްތަކާއި، އަތޮޅު ތެރޭގައި ތިބި އާންމު މެމްބަރުންނާ ގުޅުން އުފައްދާނެ ގޮތްތަކާއި، ޕާޓީގެ ގޮފިތައް ހިންގުމުގައި އަމަލުކުރަންވީ ގޮތް ބަޔާންކޮށްފައިވާ ކަމަށެވެ. އެމްޑީޕީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންނަށް މިހާތަނަށް ވެސް އެކަންކަން ކޮށްދެވިފައި ނުވާ ކަމަށާއި އެ ބޭފުޅުންނަށް އަލުން މަގާމު ދީގެންވެސް ދެން އެކަންކަން ކުރެވިދާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.

"ކުރަންޖެހޭ އެތައް ކަމެއް ނުކޮށް ތިބުމުން އަސާސީ ގަވާއިދުގައި ބުނާ އެތައް ގުނަވަނެއް ނުހިންގި އެބައޮތް ކަން އެއީ ގަބޫލު ކުރަންޖެހޭ ހަގީގަތެެއް. އަސާސީ ގަވާއިދުގައި މިހާރުވެސް އޮވޭ ދާއިރާތަކުގެ ގޮފިތައް ހެދިފަ. އެކަމަކު އެތަންތަން ހުރި ތަނެއް ގޮފިތައް ހުރި ގޮތެއް މަސައްކަތް ކުރާ ގޮތެއް ވެސް ނޭނގޭ. ދެން އަލުން އަނެއްކާވެސް ފުރުސަތު ދީގެން އެކަން ކުރެވިދާނެ ކަމަކަށް ނުފެނޭ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމްގެ ވާހަކަފުޅުގައި މިނިސްޓަރު ފައްޔާޒުގެ މަސައްކަތްތައް ބަލައިގަނެ ވަރަށް ބޮޑަށް ތައުރީފް ވެސް ކުރެއްވި އެވެ. ފައްޔާޒަށް ވޯޓު ދޭންޖެހޭ ކަމަށް އަސްލަމް ގަބޫލުކުރައްވާ ސަބަބު ވެސް ވިދާޅުވެ ދެއްވި އެވެ. އެގޮތުން ވިދާޅުވީ އެމްޑީޕީގެ މެންބަރުން މިނިސްޓަރު ފައްޔާޒަށް ވޯޓު ދޭންޖެހެނީ އެމްޑީޕީން ވެރިކަން ކުރަމުންދާއިރު ރައްޔިތުންނަށް ވީވައުދުތައް ފުއްދުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ އަދި އެންމެ ރަނގަޅު ނަތީޖާ ނެރުއްވާ ވަޒީރަކީ ފައްޔާޒު ކަމަށްވާތީ ކަމަށެވެ.

މިނިސްޓަރު ފައްޔާޒު ވެސް އިންނެވި ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ މިސަރުކާރުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި އަދި ކުރަމުންދާ މަސައްކަތްތަކުގައި އެންމެ ބޮޑު ދައުރެއް އަދާކުރައްވަނީ މިނިސްޓަރު ފައްޔާޒު ކަމަށެވެ. އެފަދަ ބޭފުޅަކަށް އެމްޑީޕީ ހިންގާލަން ފުރުސަތު ލިބިއްޖެނަމަ ހިންގާލާނެ މަންޒަރު ފެންނަ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީންކަން އެބައޮތް ފައްޔާޒު އިސްމާއިލްގެ މަސައްކަތްޕުޅަށް. ވައުދުތަކަށް ބެލުމުންވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނަށް ބެލުމުން ވެސް، ރިޔާސީ ބަޔާންތަކުގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރެއިން ވެސް ފައްޔާޒު އިސްމާއިލްގެ މިނިސްޓްރީއާއި ގުޅޭ ކަންކަން އެންމެ ބާރަށް ހިނގާފައި އޮތީ." އަސްލަމް ވިދާޅުވި އެވެ.

ފައްޔާޒު މީގެކުރިން ވިދާޅުވީ އެމްޑީޕީ ހިންގުމުގައި އެންމެ މުހިއްމު އެއް ދައުރެއް އަދާކުރައްވާ އެއް ބޭފުޅަކީ ޕާޓީގެ ޗެއާޕާސަން ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީ އެމްޑީޕީ ވަރުގަދަ އަށް ހިންގާލައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އަލުން ކާމިޔާބު ކުރުމުގެ އަޒުމުގައި ކަމަށެވެ.