އެމްޑީޕީ

ސިޔާސީ މީހުން ބިނާކުރަން އެމްޑީޕީ އިން އެކެޑެމީއެއް ހަދަނީ

ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އަދި ހަރާކަތްތެރިވުމަށް ޝައުގުވެރިވާ މީހުން ބިނާކުރުމަށް އެމްޑީޕީ އިން އެކެޑެމީއެއް ހެދުމަށް ނިންމައިފި އެވެ.

އެމްޑީޕީ އިން ރޭ ބޭއްވި ގައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ މި އެކެޑެމީގެ ސަބަބުން ސިޔާސީ ބޭފުޅުންނަކީ ގާބިލް ބަޔަކަށް ހެދޭނެ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އެކެޑެމީ ހިންގާނީ ކަމާބެހޭ ތަންތަނުގައި ރަޖިސްޓްރީކޮށް، އެހެން ޕާޓީތަކުގެ މެމްބަރުންނަށްވެސް އެ އެކެޑެމީގައި ތައުލީމު ހާސިލްކުރެވޭނެ ގޮތަށް ކަމަށެވެ.

"ނަމަވެސް އެކެޑެމީ ހެދުމުގައި ގޮންޖެހުންތަކެއް އެބަހުރި. ސިޔާސީ ޕާޓީއަކުން އެކެޑެމީއެއް ހެދުމާމެދު ގާނޫނާއި ގަވާއިދުތަކުގައި ކަންކަން އޮންނަ ގޮތްތައްވެސް ބަލަން އެބަޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ.

ޗެއާޕާސަން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ބޭރު ގައުމުތަކުންވެސް އެ އެކެޑެމީގައި ތައުލީމު ހާސިލުކުރުމަށް މީހުން އައުމަކީ އޮތް އުއްމީދެއް ކަމަށެވެ.

ގައުމީ މަޖިލީހުގެ މިބައްދަލުވުމުގައި އެމްޑީޕީން ވަނީ އާމްދަނީ ހޯދުމަށް ވިޔަފާރިއެއް ފެށުމަށްވެސް ނިންމާފަ އެވެ. އެގޮތުން ޕާޓީއަށް އިތުރު ފައިސާ ހޯދުމުގެ ގޮތުން ގަރާރެއް ފާސްކޮށްފައިވެ އެވެ.

ގަރާރުގައިވާ ގޮތުން އާމްދަނީ ހޯދުމަށް ޕާޓީއަށް ވިޔަފާރި އުސޫލުން ކުރެވޭނެ ކަންކަން ދެނެގަނެ، ވިޔަފާރި ރަޖިސްޓްރީ ކުރުމަށް އެންމެ އެކަށީގެންވާ މޮޑެލާއި، ވިޔަފާރި ރަޖިސްޓްރީކުރާނެ ގޮތާއި، ކުރާނެ ވިޔަފާރިއާއި، ވިޔަފާރި ކުރާނެ އުސޫލުތައް ކަނޑައެޅުމަށްފަހު އެކަންކަން ފާސްކުރުމަށް ގައުމީ މަޖިލީހަށް އަވަހަށް ނިންމާފައިވެ އެވެ.

ފައްޔާޒު ވިދާޅުވީ ވިޔަފާރިއެއް ފެށުމުގެ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އަދި ކަމާ ގުޅޭ އެހެން ބޭފުޅުންނާވެސް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.