ރައީސް މުހައްމަދު އަމީނަށް ހެދި ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހަދާފާނެ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓަކު ޖަލްސާއެއްގައި ދެއްކި ވާހަކަ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު މިއަދު ދިފާއު ކުރެއްވުމާ ގުޅިގެން ރައީސް އަމީންގެ ކާފަ ދަރިކަނބަލުން ފަރަހަނާޒް ފައިސަލް އެކަމާ ނުރުހުންވެއްޖެ އެވެ.
ހދ. ކުޅުދުއްފުށީގައި މިދިޔަ ހަފްތާގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަދެއްކި އެ ޕާޓީގެ އެކްޓިވިސްޓަކު ވަނީ ރައްޔިތުން ނިކުމެ ރައީސް އަމީން ހަވަރަށްދީ އަނިޔާކޮށް އަވަހާރަކޮށްލި ހާދިސާ ސިފަކޮށް އެގޮތް ރައީސް މުއިއްޒަށްވެސް ހަދަންވީ ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކާފަ އެވެ.
އެ ވާހަކަތަކާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ ފާޑުކިޔުން އެމްޑީޕީއަށް ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށް ފައްޔާޒު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވަނީ އެ ވާހަކަތައް ދިފާއުކުރައްވާފަ އެވެ. އެގޮތުން ފައްޔާޒު ވިދާޅުވީ "ރައްޔިތުންނަށް ދެރަ ދިނީމަ ހަދަން ޖެހޭނީ އަމީނަށް ހެދި ގޮތް" ކަމަށެވެ. ނަމަވެސް ފައްޔާޒު ވިދާޅުވީ އެ ވާހަކަ ދެއްކި މީހާ އެ ވާހަކަ ދެއްކީ ރައީސް މުއިއްޒަށް ނަސޭހަތެއް ދިނުމުގެ ގޮތުން ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.
"ރައްޔިތުންނަށް ދެރަ ދިނީމަ ހަމަ މުހައްމަދު އަމީނަށް ހެދިހެން ހަދަންޖެހޭނީ. އެހެން ކޮން ގޮތެއްތޯ ހަދާނީ. އެެއީ ދިވެހިރާއްޖޭގެ ތާރީހު ދައްކާފައި އޮތް ހަގީގަތް،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒުގެ ވާހަކަތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ފަރަހަނާޒް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިސްލާމީ ޝަރުއީ ހަމަތަކުން ބޭރުން މީހަކު މަރާލުމަކީ ދުވަހަކުވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ފައްޔާޒު ދިފާއުކުރެއްވި ވާހަކަ ކުށްވެރިކުރައްވާފަ އެވެ.
ފަރަހަނާޒް ވިދާޅުވީ ކޮންމެ ގޮތަކަށް ކަމެއް ކުރި ނަމަވެސް ބަޔަކު ނިކުމެ މީހަކު މަރާލުމަކީ އިސްލާމްދީނުގައިވެސް ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.
"މިއީ އެމްޑީޕީގެ ރަސްމީ ސްޓޭންޑް ތޯޯޯ؟،" ފައްޔާޒު ވާހަަކަތަކާ ދޭތެރޭ ސުވާލު އުފައްދަވަމުން ފަރަހަނާޒް ވިދާޅުވި އެވެ.
"އެހެންނަމަ މިއީ ދިރިހުރުމުގެ ހައްގު ހިމެނޭ ގޮތަށް މީހުންގެ އަސާސީ ހައްގުތަކަށް ތެދުވި އެމްޑީޕީއެއް ނޫން،" ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އިނގިރޭސިވިލާތުގައި ހުންނެވި ދިވެހި ސަފީރު ފަރަހަނާޒު ވިދާޅުވި އެވެ.