ފައްޔާޒް އިސްމާއީލް

ވެރިކަން ވައްޓާލާކަށް ނޫޅެން، އެކަމަކު ޖަވާބުދާރީކުރުވާނަން: ފައްޔާޒު

Dec 6, 2024

ވެރިކަމެއް ވައްޓާލުމަށް މަސައްކަތް ނުކުރާ ކަމަށާއި ކުރާހާވެސް ކަމަކީ ސަރުކާރު ޖަވާބުދާރީކޮށްގެން ކަންކަން ހަމައަކަށް އެޅުވުން ކަމުގައި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ހުރި ގޮތުން ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ. ސަރުކާރެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ފަސޭހަވާ ގޮތަށް ކަންކަން ހަމަޖައްސައިދިނުން ކަމަށްވާތީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ ބޮޑު މެޖޯރިޓީއެއް އޮތް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ ތެރޭގައި ގާނޫނުއަސާސީއަށް އިސްލާހު ގެނައީ ކަމަށް ބުނެ ކޮށްފައިވާ ކަންކަމަކީ ބަލައިގަނެވޭ ކަންތައްތަކެއް ނޫން ކަމަށެވެ. އެހެންކަމުން އެމްޑީޕީން އަލުން މަސައްކަތް މިފަށަނީ ގާނޫނުއަސާސީގެ ދިފާއުގައި އަދި ރައްޔިތުންނަށް ގެއްލެމުންދާ ހައްގުތައް ހޯދައިދޭން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިިކުރާ މަސައްކަތަކީ ގާނޫނުއަސާސީގެ އިމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީކުރުވުން،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީ އިން "ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން"ގެ ނަމުގައިވާ މި މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްހިފައިވާ ބޮޑު ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި މިޖަލްސާގައި ފައްޔާޒު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ގޯސްކޮށް ހުރުމުން ވިސްނަވައިދިނުމަށް ކުރި އެއްވެސް މަސައްކަތެއްގައި ސަރުކާރުން ގޮތް ދޫކުރި ތަނެއް ނުފެނުނު ކަމަށެވެ.

ސަރުކާރުން ގޮތް ދޫނުކުރާނަމަ ސަރުކާރު ޖަވާބުދާރީކޮށް ޒިންމާދާރު ކުރުވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އެމްޑީޕީ އިން ކުރާނެ ކަމަށާއި އެމްޑީޕީ ނުހުއްޓުވޭނެ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ ދިފާއުގައި އެމްޑީޕީ އިން ބޮޑު ޖަލްސާއެއް ބާއްވަން ނިންމީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ގޮތްތަކެއް ގާނޫނުއަސާސީގައި މިދިޔަ މަހުގެ 20 ވަނަ ދުވަހު ހިމެނުމާ ގުޅިގެން އެއީ މެންބަރުންގެ ހައްގުތަކަށް އަރައިގަތުން ކަމަށް ފެންނާތީއާއި އެއީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލުމުގެ އަމަލެއް ކަމަށް ބުނެ އެވެ.