ވެރިކަން ހޯދުމަށް އިންޑިއާއާ މެދު ހެދި ބުހުތާނު ދޮގުތަކަށް ސަރުކާރުން ޒިންމާވާންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރައީސުމްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އިންޑިއާއާ އެކު ގިނަ އެއްބަސްވުންތަކެއް ހެދުމާ ގުޅިގެން ފައްޔާޒް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެރިކަން ހޯދުމަށް އިންޑިއާއާ މެދު ހެދި ދޮގުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބުނު ގެއްލުމަށް ސަރުކާރުގެ ވެރިން ޒިންމާވާންޖެހޭ ކަމަށެވެ.
ފައްޔާޒް ވިދާޅުވީ ރައިސް މުއިއްޒު އިންޑިއާއާ ގުޅުން ބަދަހިކުރުމުން އެނގެނީ އަވަށްޓެރި ގައުމުތަކާ އޮންނަ ގުޅުމަކީ ދެ ގައުމު ހިއްސާވާ މަސްލަހަތުތައް ހިމާޔަތްކުރުމަށް ކޮންމެހެން ވެސް ބޭނުންތެރި ގުޅުންތަކެއް ކަމަށެވެ.
އޭނާ ވިދާޅުވީ ޕީއެންސީ-ޕީޕީއެމް އިން ރިޔާސީ އިންތިހާބުގެ ތެރޭގައި ދެއްކި ވާހަކަތަކަކީ ބިރުވެރިކަން ފެތުރުމަށް ދެއްކި ވާހަކަތަކެއްކަން ހާމަވެފައިވާ ކަމަށެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ އިންޑިއާއަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހެދި ހައިޑްރޯގްރަފީ އެއްބަސްވުމާއި، ޔޫޓީއެފްގެ އިތުރުން އައްޑޫގެ އިންފްރާސްޓްރަކްޗާ މަސައްކަތްތަކާއި، އައްޑޫގައި ކޮންސިއުލޭޓް ގާއިމުކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ނިންމުމުން ސަރުކާރުގެ އިސްވެރިން ކުރީގައި އިދިިކޮޅުގައި ތިބެގެން ދެއްކީ ޒިންމާދާރު ކަމެއް ނެތް ވާހަކަތަކެއްކަން އެނގިގެންދާ ކަމަށެވެ.
"އެންމެ ގާތް އެކުވެރިކަން ބާއްވަންޖެހޭ ގައުމު ބީރަށްޓެހި ކުރުމަކީ އިގްތިސާދީ ގޮތުން އަދި ސިޔާސީ ގޮތުން ގެއްލުންތަކެއް ކުރިމަތިވި ކަމެއް،" ފައްޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޑިއާއާ ގުޅޭގޮތުން ހެދި ދޮގުތަކުގެ ސަބަބުން މާލީ އެހީތެރިކަން ބޭނުންވާ ދުވަސްވަރެއްގައި އެ ދަތިކަމުން އަރައިގަތުމަށް ހުރަސްއެޅުނު ކަމަށާއި މާލީ ބާޒާރުގައި ރާއްޖޭގެ ކްރެޑިބިލިޓީއަށްވެސް ގެއްލުން ލިބުނު ކަމަށެވެ.
"ރައީސް މުއިއްޒުގެ ފަރުވާކުޑަކަމުން ބައިނަލްއަގްވާމީ ގޮތުން ރާއްޖޭގެ އަގު ވެއްޓިގެން ދިޔައީ. އާދައިގެ ރައްޔިތުންނަށް އޭގެ ގެއްލުމާ ކުރިމަތިލާން ޖެހުނީ،" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވަނީ މި ސަރުކާރުގެ ވެރިން ވެރިކަން ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން ހެދި ބޮޑެތި ދޮގުތަކަށް ޒިންމާ އުފުލަންޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.