ފައްޔާޒް އިސްމާއީލް

ޓެކްސް ބޮޑުކުރުމަކީ ކުރާވަރު ކަމެއް ނޫން: ފައްޔާޒު

ޓެކްސް ބޮޑުކުރުމަކީ މާލީގޮތުން ބޮޑު ލޮޅުމެއް އަރާފާނެ ކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕަސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން "ހަވަރުބެރު"ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ފައްޔަޒު ވިދާޅުވީ ފަތުރުވެރިކަމާ ގުޅުން ހުރި ދާއިރާތަކެއްގެ ޓެކްސްތައް މިވަގުތު ބޮޑުކުރުމަކީ އިގުތިސާދީ ގޮތުން ބޮޑު ލޮޅުމެއް އަރާފާނެ ކަމެއް ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ޓެކްސް ބޮޑުކުރީ ވަރަށް ބޮޑަށް އެކަމަށް ވިސްނާފައި ކަމަށާއި، އޭރު 14 ޕަސެންޓްން 16 ޕަސެންޓަށް ބޮޑުކުރުމުންވެސް ފަތުރުވެރިކަމަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވި ކަމަށެވެ.

ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކްސް ބޮޑުކޮށް ޓީޖީއެސްޓީއާއި އެއާޕޯޓް ޓެކްސް ބޮޑުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާތީ ފައްޔާޒު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފަ އެވެ.

ފައްޔާޒު ވިދާޅުވީ ފަތުރުވެރިކަމުގައި ރާއްޖެއާ ވާދަކުރާ ގައުމުތަކުގައި ޓެކްސް ކުޑަވަމަކީ ރާއްޖެއަށް އޮތް ބޮޑު ގޮޖެހުމަކަށް ވާނެ ކަމަށެވެ. އަދި އެއް ގައުމުން އަނެއް ގައުމު ވާދަވެރިކަމުގައި އުޅޭއިރު ޓެކްސް ބޮޑުކުރަންޖެހޭނީ ވަރަށް ގިނަ ގޮތްގޮތަށް ވިސްނުމަށްފަހު ކަމަށްވެސް ވިދާޅުވި އެވެ.

"މިއީ ހަމަވިސްނުމުގައި ހުރެ ކުރާވަރު ކަމެއް ނޫން. މިއީ އިގުތިސާދަށް ވަރަށް ބޮޑު ލޮޅުމެއް އަރާފާނެ ކަމެއް،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ޓެކްސްތަކެއް އިގްތިސާދީ ދަތިތަކެއްގެ ތެރޭގައި އުޅޭ ވަގުތެއްގައި ބޮޑުކުރަނީ އިގްތިސާދު ފުނޑުފުނޑުކޮށްލަން ނޫން ނަމަވެސް އެއީ އިގްތިސާދަށް ހީނުކުރާވަރުގެ ބޮޑު ލޮޅުމެއް އަރާފާނެ ކަމެއް ކަމަށެވެ.