އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) އަށް އައްޑޫ ސިޓީ އިން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
އެމްޑީޕީގެ ތާއީދު ބޮޑު އައްޑޫއަށް ފައްޔަ އާއި ކެމްޕެއިން ޓީމު ދިއުމުން ސަޕޯޓަރުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ގިނަ އަދަދެއްގެ އާންމުން ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ފައްޔާޒް އާއި އޭނާގެ ޓީމަށް މަރުހަބާ ކިޔާފައެވެ.
މި ދަތުރުގައި ފައްޔައާއެކު މަޖިލީހުގެ ގިނަ މެންބަރުންތަކެއް ބައިވެރިވެވަޑައިގަންނަވައެވެ. ފައްޔަ އަށް މަރުހަބާ ވިދާޅުވާން އައްޑޫގެ މޭޔަރާއި ދާއިރާ ތަމްސީލު ކުރައްވާ މަޖިލީސް މެންބަރުންވެސް ވަޑައިގަތެވެ. އައްޑޫ ތަމްސީލު ކުރައްވާ މެންބަރުންގެ ތެރެއިން ހުޅުދޫ ދާއިރާގެ މެންބަރު ފިޔަވައި އެހެން ހުރިހާ މެންބަރުންގެ ތާއީދުވެސް އޮތީ ފައްޔާޒަށެވެ.
ޗެއާޕާސަންގެ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެންބަރުންގެ ތާއީދު އޮތީ މިނިސްޓަރު ފައްޔާޒަށެވެ. ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އެމްޑީޕީގެ އާންމު މެންބަރުންގެ ބޮޑު ތާއީދެއްވެސް ފައްޔާޒަށް އެބައޮތެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ފައްޔާޒުގެ ކެމްޕެއިން ފެށުމަށް ށ. މިލަންދޫގައި ބޭއްވި ބިޔަ ޖަލްސާއިން އެކަން ވަނީ އިތުރަށް ސާބިތުކޮށްދީފައެވެ.
ފައްޔާޒު އާއި ވާދަކުރައްވާ މެންބަރު އިމްތިޔާޒުގެ ކެމްޕެއިންގައި ބޮޑަށް ބައިވެރިވެވަޑައިގަންނަވަނީ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޭފުޅުންނާއި އެމަނިކުފާނަށް ވަަފާތެރި މެންބަރުންނެވެ. އައްޑޫ ސިޓީއަށް އިންތި ކުރައްވާ ދަތުުރުގައި މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްްމަދު ވަހީދު އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އާއި މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އާއި އިނގުރައިދޫ ދާއިރާގެ މެންބަރު އަހުމަދު ހަސަން ބައިވެރިވެވަޑައިގަންނަވައެވެ.
އަދި އެމްޑީޕީގެ ކުރީގެ ޗެެއާޕާސަން ހަސަން ލަތީފް އާއި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒުވެސް ބައިވެރިވެވަޑަައިގަންނަވައެވެ.