ޔުކްރޭންގެ ރައީސް ވޮލޮދިމިރު ޒެލެންސްކީ ނޭޓޯއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ނޭޓޯއާ މެދު ކުރެއްވުނީ ހަމައެކަނި އުންމީދެއް ކަމަށާއި ނޭޓޯއަކީ ކަމެއްނެތް ބައިގަނޑެއް ކަމަށެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުން ނޭޓޯ ޖަމާއަތުން އެއްތަންވެ ސައްލާކުރީ ޔުކްރޭނަށް އެހީތެރިވާން ކަމަށް ބުނެ އެވެ. އެހެން ނަމަވެސް ޔޫރަޕްގެ ހުރިހާ ގައުމެއް އޮތީ އެއްވިސްނުމެއްގައި ނޫން ކަމަށެވެ.
ޔޫރަޕްގެ ސެކިއުރިޓީ އާއި ރައްކާތެރި ކަމަކީ ޔޫރަޕްގެ ބައެއް ގައުމުތަކުން ސަމާލުކަން ދޭ ކަމެއް ނޫން ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.
ޔުކްރޭނަށް އަރައިގަނެ ރަޝިއާ ހިންގަމުން ގެންދާ އުދުވާނަށް ހައްލެއް ހޯދުމުގައި ނޭޓޯއަށް ކަމެއް ނުކުރެވުނު ކަމަށް ވިދާޅުވެ ޒެލެންސްކީ ވިދާޅުވީ ޔޫރަޕިއަން ޔޫނިއަންގެ ޕާލަމެންޓަރީ ބައްދަލުވުމުން ވެސް ނަތީޖާއެއް ނުނެރެވުނު ކަމަށެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުން ރަޝިއާ ސިފައިންނަށް ޔުކްރޭނަށް އެހާ ފަސޭހައިން އަރައިގަނެވުނީ ނޭޓޯއާ ހެދި އެވެ.
ރަޝިއާއާއެކު ނޭޓޯ ސިއްރު ގުޅުމެއް އޮންނަކަން ދޭހަވާ މޭރުމަކުން ޒެލެންސްކީ ވިދާޅުވީ ނޭޓޯ ތެރޭގައި ހިނގާ ކަންތައްތައް ރަޝިއާއަށް އެނގޭ ކަމަށެވެ.
ނޭޓޯއިން ޔުކްރޭނަށް އެއްވެސް ކަމެއް ނުކޮށްދޭ ކަމަށް ވިދާޅުވެ ޒެލެންސްކީ ވިދާޅުވީ ނޭޓޯއިން ޔުކްރޭނަށް ދިނީ ހަމައެކަނި 50 ޓަނުގެ ޑީސަލް ކަމަށެވެ.