ރަޝިއާއާ ދެކޮޅަށް ޔުކްރޭން ކުރާ ހަނގުރާމާގައި -- ރަޝިއާ ބަލިކުރަން ބޭނުންވާ ވަރަށް ޔުކްރޭނަށް ދޭނެ ހަތިޔާރެއް އަދި އުންޑައެއް -- ނޭޓޯ މެމްބަރު ގައުމުތަކުގައި ނެތް ކަމަށް އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް، ޔެންސް ސްޓޮލްޓަންބާގް ވިދާޅުވެއްޖެ އެވެ.
ސްޓޮލްޓަންބާގް ވިދާޅުވި ގޮތުން ނޭޓޯގެ ހާލަތު މިހެން ހުރި ނަމަވެސް، އެއީ ރަޝިއާއަށް ވުރެ ގަދަފަދަ އަސްކަރީ ބާރެއް ކަމަށެވެ.
ނޭޓޯގެ ކޮނޑަށް ޔުކްރޭން ލައިގެން ގެންގުޅެވޭނީ ސްޓޮލްޓަންބާގް ވިދާޅުވި ގޮތުން، ނޭޓޯ ގައުމުތަކުން އަންބާކިޔާފައި ހަތިޔާރު އުފައްދައިގެންނެވެ.
ހަތިޔާރު އުފެއްދުމަށްޓަކައި ނޭޓޯ މެމްބަރު ގައުމުތައް ރެއާއި ދުވާލު މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.
އުންމީދަކީ، ސްޓޮލްޓަންބާގް ވިދާޅުވި ގޮތުން، ނޭޓޯ ގައުމުތަކުގައި ފުނި ފުންޏަށް ޖަމާކޮށްފައި ހަތިޔާރު ބެހެއްޓުން ކަމަށެވެ.
ނޭޓޯ ގައުމުގަކުގައި ހުރި ހަތިޔާރުތަކުގެ ފެންވަރު ރަޝިއާއަށް ވުރެ ޒަމާނީ ކަމަށް ވެސް ސްޓޮލްޓަންބާގް ވިދާޅުވި އެވެ. އަދި އަސްކަރީ ގޮތުން ބަލާއިރު ނޭޓޯ އަކީ ރަޝިއާ ބަލިކުރެވޭނެ ޖަމާއަތެއް ނަމަވެސް އޭނާ ވިދާޅުވީ މައްސަލަ އަކީ ހަތިރާރުތަކަށް ބޭނުންވާ ބައިތައް -- ސްޕެއާ ޕާޓްސް ލިބުމުގައި ހުރި ދަތިތައް ކަމަށެވެ.
ޖަރުމަނުގެ މިއުނިކްގައި -- މިއުނިކް ސެކިޔުރިޓީ ކޮންފަރެންސް 2024 ގައި ވާހަކަދައްކަވަމުން ސްޓޮލްޓަންބާގް ވިދާޅުވީ 2024 އަކީ ނޭޓޯ ގައުމުތައް ހަތިޔާރުން މުއްސަނދި ވާނެ އަހަރަކަށް ހައްދަވާނެ ކަމަށެވެ.
ޔުކްރޭން ހަނގުރާމަ ފެބްރުއަރީ 2022 ގައި ފެށި ފަހުން، އެ ގައުމަށް ބޭނުންވާހާ ހަތިޔާތެއް ސަޕްލައިކުރަނީ ހުޅަނގުންނެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު ބައި ކަވަރުކުރަނީ އެމެރިކާއިންނެވެ. ޖަރުމަނާއި ފްރާންސް އަދި އިނގިރޭސިވިލާތުން ވެސް ޔުކްރޭނަށް ހަތިޔާރު ސަޕްލައިކުރެ އެވެ.
ޔުކްރޭން ހަނގުރާމަ ނުނިމިގެން އުޅެނީ ވެސް ހުޅަނގާ ހެދި އެވެ. ހުޅަނގުން ގަބޫލުކުރާ ގޮތުގައި ރަޝިއާ ބަލިކުރުން ނޫން ގޮތެއް ނެތެވެ. ނަމަވެސް، ޔުކްރޭން ލައްވައި ރަޝިއާ ބަލިކުރުމަކީ ބުއްދި ހަމަޖެހޭ އެކަކު ވެސް ގަބޫލުކުރާ ކަމެއް ނޫނެވެ.
ރަޝިއާއާ ޔުކްރޭންއާ ދެމެދު ސުލްހަވުމަށް ހުރަސްއަޅާ ބަޔަކީ ވެސް އެމެރިކާ އެވެ. އެ ނޫން ގޮތެއްގައި ނަމަ ޔުކްރޭން ހަނގުރާމަ މިހާރު އޮންނާނީ ކޮޅެއްގައި ޖެހި ސުލްހަވެފަ އެވެ.