ދުނިޔެ

ދޮގު ޚަބަރެއް ކީދާނެ ކަމަށް ބިރުން ހުޅަނގު މީޑިއާތައް ރަޝިއާއިން ފައިބަނީ

ހުޅަނގަށް ނިސްބަތްވާ މަޝްހޫރު ބައެއް މީޑިއާތަކުން ރަޝިއާއިން ޚަބަރު ގެނެސްދިނުން ހުއްޓާލައި ޚިދުމަތް މެދުކަނޑާލައިފި އެވެ.

ރަޝިއާއިން ޔުކްރޭނަށް ދެމުން ގެންދާ އުދުވާނީ ހަމަލާ ގުޅުން ހުރި ޚަބަރެއް ހަދަހަދައިގެން ނުވަތަ ހަގީގަތާ ޚިލާފަށް ގެނެސްދޭ މީޑިއާތަކަށް އަދަބު ދިނުމަށް ރަޝިއާއިން ފާސްކުރި ގާނޫނާ ހެދި ނޫސް އޭޖެންސީތަކާއި ނޫސްވެރިން ތިބީ ބިރުންނެވެ.

ގާނޫންގައި ބުނެފައިވާ ގޮތުން އަސްކަރީ ބާރުތަކުން ޔުކްރޭންގައި މިހާރު ހިންގަމުން ގެންދާ ޚާއްސަ އޮޕަރޭޝަނާ ގުޅުވައި ދޮގު ޚަބަރެއް ފަތުރައިފި ނަމަ 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ރަޝިއާގައި ޚިދުމަތް ހުއްޓާލި ޚަބަރު އޭޖެންސީތަކުގެ ތެރޭގައި ބީބީސީ އާއި ސީއެންއެން، ބްލޫމްބާގް އަދި ޖަރުމަނުގެ ޒީޑީއެފް ހިމެނެ އެވެ.

ބީބީސީން ބުނީ ބިރުވެރިކަމެއްގެ ތެރޭގައި މިނިވަންކަމާއެކު ނޫސްވެރިކަން ނުކުރެވޭނެ ކަމަށެވެ. އަދި ބުނީ ދޮގު ޚަބަރަކަށް ނުވި ނަމަވެސް އެނަން އަޅުވައި ނޫސްވެރިންނާއި އޭޖެންސީ ކުށްވެރި ކުރުމުގެ އިޚުތިޔާރު ޕްރޮސެކިޔުޓަރުންނަށް އޮތް ކަމަށެވެ.

ބްލޫމްބާގުން ބުނީ ޚިދުމަތް ހުއްޓާލަން ޖެހުމަކީ ލިބުނު ހިތާމައެއް ކަމަށާއި ކުށްވެރި ނުވިޔަސް ކުށްވެރި ވެދާނެތީ ބިރުހީވާ ކަމަށެވެ.

ކެނޭޑާޑެ ސީބީސީ ނެޓްވޯކުން ވަނީ ވަގުތީ ގޮތުން ޚިދުމަތް މެދުކަނޑާލާފަ އެވެ. ސީބީސީން ބުނީ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ނޫން މާހައުލެއްގައި ޚިދުމަތް ނުދެވޭނެ ކަމަށާއި އަލިމަގެއް ފެންނަންދެން ޚިދުމަތް މެދުކަނޑާޅާނީ ކަމަށެވެ.

މަޝްހޫރު ބައެއް މީޑިއާތަކުން މިގޮތަށް ނިންމި ނަމަވެސް، ހަނގުރާމައާ ގުޅުން ޚަބަރު ފެތގުރުމުގައި ބައެއް މީޑިއާތައް ރަޝިއާގައި ހަރަކާތްތެރިވާނެ އެވެ. އަދި ރަޝިއާގެ އިދާރާތަކާ ޚިޔާލު ތަފާތުނުވާނެ ގޮތް ބަލައިގެން ކުރިއަށް ގެންދާނެ އެވެ.