މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

އަންހެނުންގެ ދުވަހު މަލާއި ކޭކާއި ޗޮކުލެޓު ނުދޭން އަންގައިފި

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރާއިރު ބައެއް ކަންކަން ކުރުމުގައި ސަމާލުވުމަށް ޖެންޑާ މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް އަންގައިފި އެވެ.

ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން ސޮއިކުރެއްވައި އޮފީސްތަަކަށް ފޮނުއްވާފައިވާ ސާކިއުލާގައި ބުނެފައިވަނީ އަންހެނުންގެ ދުވަސް ފާހަގަކުރާއިރު ބައެއް ކަންކަމަށް ސަމާލުވުމަށާއި، މިއަހަރުގެ ޝިއާރުގެ މަގުސަދު ހާސިލްވާ ގޮތަށް އެ ދުވަސް ފާހަގަކުރުމަށެވެ.

މާދަމާ ފާހަގަކުރާ އަންހެނުންގެ ދުވަހުގެ ޝިއާރަކީ "ޖެންޑާ އީކުއަލިޓީ ޓުޑޭ ފޯ އަ ސަސްޓެއިނަބަލް ޓުމޯރޯ" އެވެ.

މި ދުވަސް ފާހަގަކުރާއިރު ހޭޝްޓެގްގެ ގޮތުގައި "ޖެނެރޭޝަން އިކުއަލިޓީ" އަދި "އައިޑަބްލިއުޑީ2022" ބޭނުންކުރުމަށް ވެސް އެ ސާކިއުލާގައިވެ އެވެ.

އެހެންކަމުން އަންހެނުންގެ ދުވަސް ފާހަގަކުރާއިރު މަރުހަބާ ކިޔުމަށް ރަތް ދޫލަ އެޅުމާއި، މާބޮނޑި، ފިނިފެންމާ އަދި ޗޮކުލެޓް ފަދަ ތަކެތި ހަދިޔާއަށް ނުދިނުމަށް އެދިފައިވެ އެވެ.

މީގެ އިތުރުން އަންހެނުންނަށް ހާއްސަ ކުލަތަކުގެ ގޮތުގައި މުޖުތަމައުން ދެކޭ ކުލަތައް (މިސާލަކަށް ފިޔާތޮށި ކުލަ) ފަދަ ކުލަތައް ބޭނުން ނުކުރުމަށާއި، ކޭކާއި ބަދިގޭ ސާމާނު ފަދަ ތަކެތި ހަދިޔާއަށް ނުދިނުމަށްވެސް ސާކިއުލާގައި ބާރުއަޅުއްވާފައިވެ އެވެ.

އަންހެނުންގެ ދުވަހާއި އެހެންވެސް ހާއްސަ ދުވަސްތައް އޮފީސްތަކުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރެ އެވެ.

އަންހެނުންގެ ދުވަހު އޮފީސްތަކުގައި އުޅޭ ފިރިހެނުން އިސްނަގައިގެން އެމީހުންގެ ޝަރަފުގައި ހާއްސަ ކަންކަން އަބަދުވެސް ކުރެ އެވެ. ރަތް ދޫލަ އެޅުމާއި މާބޮނޑި ފަދަ ތަކެތި ދިނުން އޮވެ އެވެ.