ރައްޔިތުންގެ މަޖިލިސް

މާލީ ބަޔާނާ ގުޅޭ ބިލު ކޮމިޓީއަށް

މާލީ ބަޔާން ހުށަހެޅުން ހަރުދަނާކުރުމަށް މަޖިލީހުގެ ނައިބްރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި އެވެ.

"މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމުގެ ގާނޫނު"ގެ ބިލު މަޖިލީހަށް ތައާރަފްކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.

އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ބިލު އިތުރަށް ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވަން މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރި އެެވެ.

މަޖިލީހުގެ ތަޅުމުން މިގޮތަށް ފާސްކުރީ 58 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ބިލުގެ ބޭނުމަކީ ގާނޫނު އަސާސީއާއި ގާނޫނުތަކުގެ ދަށުން މާލީ ބަޔާން ހުށަހަޅަން ޖެހޭ މީހުންނާއި ދައުލަތުގެ މަގާމުތައް އަދާކުރާ ފަރާތްތަކުގެ މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް އެއްހަމަކޮށް ދެފުށް ފެންނަ ގޮތަކަށް މާލީ ބަޔާން ހުށަހެޅުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުން ކަަަމަށް ބުނެފައިވެ އެވެ.

މި ބިލުގައި މާލީ ބަޔާން ހުށަހަޅަން ޖެހޭ މަގާމުތައް ވެސް ވަރަށް ސާފުކޮށް ބުނެފައިވެ އެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއާއި މިނިސްޓަރުންނާއި މަޖިލިސް މެމްބަރުންނާއި އެކި ކޮމިޝަންތަކާއި މުއައްސަސާތަކުގެ އިސް ބޭފުޅުންގެ އިތުރުން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންވެސް ހިމެނެ އެވެ. އަދި ލޯކަލް ކައުންސިލްތަކާއި ސަރުކާރުގެ އިދާރާތަކުގެ ޒިންމާދާރުވެރިން ވެސް ހިމެނެ އެެވެ.

ބިލުގައި ބަޔާން ހުށަހަޅަން ޖެހޭ ވަގުތާއި ބަޔާނުގައި ހިމަނަންޖެހޭ މައުލޫމާތުތައް ވެސް ސާފުކޮށް ބުނެފައިވެ އެވެ.

މީގެ އިތުރުން ހުށަހަޅާ މާލީ ބަޔާނުގެ ސައްހަކަން ކަށަވަރުކުރުމަށް ކަމާ ގުޅޭ އިދާރާއިން އެ ބަޔާނުގެ ސައްހަކަން ކަށަވަރުކުރުމަށް މިނިވަން މުއްސަސާއަކާ ހިއްސާކުރަން ޖެހޭނެ ކަމަށް ބުނެފައި ވެއެެވެ.

މާލީ ބަޔާން ޝާއިއުކޮށް އެ މައުލޫމާތުތައް ބަލަހައްޓައި އަދި ބަޔާންތައް ނައްތާލެވޭނެ ގޮތް ވެސް ބިލުގައި ހިމަނައިފައިވެ އެވެ. އެގޮތުން ބަޔާން ހުށަހަޅާތާ ފަސް އަހަރު ވަންދެން އެ ބަޔާންތައް ބަލަހައްޓަން ޖެހޭއިރު ބަޔާން ނައްތާލެވޭނީ މުއްދަތު ހަމަވުމަށްފަހު ރާއްޖޭގެ އަރުޝީފްގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހުއްދަ ހޯދުމަށްފަހު ކަމަށް ބުނެފައިވެ އެެވެ.

ބިލުގައިވާ ގޮތުން މާލީ ބަޔާން ހުށަހަޅަން ޖެހޭ މުއްދަތު ފާއިތުވެ 30 ދުވަސް ފަހުން ބަޔާން ހުށަހަޅައިފިނަމަ ގިނަވެގެން އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އަދި ތަކުރާރުކޮށް ލަހުން ހުށަހަޅާނަމަ ފަސްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވެ އެވެ. އަދި 30 ދުވަސް ފަހުން ވެސް މާލީ ބަޔާން ހުށަނާޅާނަމަ މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި ފަސްލައްކަ ރުފިޔާއިން ޖޫރިމަނާކުރެވޭނެ އެވެ.

މާލީ ބަޔާނުގައި ދޮގު މައުލޫމާތު ހިމަނައިފިނަމަ ފަސްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ގިނަވެގެން ދެ އަހަރަށް ޖަލަށް ލައި އަދި މަގާމުން ވަކިކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.