އުމަރު ނަސީރު

90 ދުވަހަށް ފަހު އުމަރުގެ ރިޔާސީ ކެމްޕެއިން އަލުން ފަށައިފި

ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރިޔާސީ ކެންޕެއިން ހަރަކާތްތައް 90 ދުވަހުގެ މުއްދަތަށް މެދުކަނޑާލުމަށް ފަހު އަލުން ފަށައިފި އެވެ. އުމަރުގެ ކެންޕެއިން މެދުކަނޑާލީ އޭނާ މިނިސްޓަރު އޮފް ހޯމްއެފެއރޒްގެ މަގާމުގައި ހުރެ 2015 ވަނަ އަހަރު ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭ ގޮތަށް މަސައްކަތް ކޮށްފައިވާ ކަމަށް އޭސީސީ އިން ތުހުމަތު ކުރާ ކަމަށް ބުނާ މައްސަލައެއްގެ ތަހުގީގު ނިންމާ ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހަށް ދައުވާކޮށް ދިނުމަށް އެދި ފޮނުވުމުގެ ޑިސެންބަރު 7، 2021 ގައެވެ.

އުމަރު މިއަދު ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލުމަށްފަހު އޭނާ ޖަލަށް ލާން ޖެހޭނެ ކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވިތާ ދުވަސް ކޮޅެއްފަހުން އޭސީސީ ގ މެންބަރުން ވަކިކުރާނެ ކަމުގެ އެތަށް އިންޒާރު ތަކަކަށްފަހު ބައެއް ބޭފުޅުން އިސްތިއުފާ ދެއްވުމަށްފަހު އޭނާގެ މައްސަލަ އެއް އޭސީސީ އިން ޕީޖީ އަށް ފޮނުއްވި ކަމަށެވެ.

މިކަމާ ގުޅިގެން ދައުލަތަށް އިހްތިރާމް ކުރުމުގެ ގޮތުން 90 ދުވަހަށް އޭނާގެ ރިޔާސީ ކެމްޕޭން މެދުކަނޑާލާ ކުށް ސާބިތުކުރުމަށް ތިން މަސް ދުވަސް ދައުލަތަށް ދައުލަތަށް ދީފައިވާ ކަމަށެވެ.

"މިއަދު އެ މުއްދަތު ހަމަވިއިރު ކުށެއް ސާބިތު ކޮށެއް ނުދެވުނެވެ. އެހެން ކަމުން މިއަދުން ފެށިގެން އަޅުގަނޑުގެ 2023 ވަނަ އަހަރުގެ ރިޔާސީ ކެންޕޭން އަލުން ފަށައިފީމެވެ. އެމްއެމްޕީއާރުސީ އާއި މިނިވަން 50 އާއި އަޅުގަނޑުގެ ވަޒީރު ކަމުގައި ހަވާލުވެ ހުރި ހަތް އިދާރާ ހަތް އަހަރުވަންދެން ހާވާ ބަލައިގެން ސާބިތުވީ 'ހުދު ވަލު'ގެ ހުދު ކަމެވެ،" އުމަރު ވިދާޅުވިއެވެ.

އުމަރުގެ މައްޗަށް ދައުވާކޮށްދޭން އެދުނީ 2015 ވަނަ އަހަރު ތެރޭގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އުމަރު ނަސީރުއާ ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް ފަހު އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އުމަރު ނިންމަވާފައިވަނީ އަމިއްލަ ގޮތުންނެވެ. އުމަރު ވިދާޅުވި ގޮތުގައި އޭނާ އެއްވެސް ޕާޓީއަކާއި ގުޅިވަޑައިނުގަންނަވާނެ އެވެ. އަދި 2023 ގައި އެއްވެސް ބޭފުޅެއްގެ ފަހަތަށް ވަޑައިނުގަންނަވާނެ އެވެ.

ސިޔާސީ މަސައްކަތަށް އުމަރު ވަނީ "ދިވެހި ނޭޝަނަލް އެކްޝަން" ގެ ނަމުގައި ހަރަކާތެއް ވުޖޫދުކޮށްފައެވެ.