ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ރިޓަޔާޑް އަހުމަދު ޝިޔާމްގެ މައްޗަށް ދައުވާ ކުރަން ފޮނުވުމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. އުމަރު ވިދާޅުވީ އެއީ ސިޔާސީ ނިންމުމެއް ކަމަށެވެ.
ވިލިމާލޭގައި ހުންނަ ކޯސްޓް ގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގައި، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ރިޓަޔާޑް އަހުމަދު ޝިޔާމްގެ ބައްޕާފުޅު، ދިރިއުޅުއްވެވި މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.
އެކަމާއި ގުޅިގެން އުމަރު ވިދާޅުވީ މިއީ ޖެނެރަލް ޝިޔާމް ގެ މައްޗަށް ކުރައްވައިގެން ވާނެ ދައުވާއެއް ނޫން ކަމަށެވެ. ސިފައިންގޭގައި ޒަމާނުއްސުރެ އޮންނަ އުސޫލުން، ސިފައިންގޭގެ މަތީ މަގާމު ތަކުގައި ތިއްބަވާ ބޭފުޅުން ގެ އާއިލާ ތަކަށް ސިފައިންގޭގެ މިފަދަ ވަސީލަތްތައް ބޭނުން ކުރެއްވުމުގެ ހުއްދަ އޮންނަ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ސިފައިންގެ ހިދުމަތަކީ ދައުލަތުގެ އެހެނިހެން ހިދުމަތް ތަކާ ތަފާތު އިނާޔަތްތަކަކާ ރައްކާތެރިކަމެއް ލިބިގެންވާ ހިދުމަތެއް ކަމަށާ މިއީ މުޅި ދުނިޔޭގައިވެސް ކަން އޮންނަ އުސޫލަކީ އެއީ ކަމަށް އުމަރު ވިދާޅުވިއެވެ.
"މި ފަދަ ކުދިކުދި ކަންކަމުގައި ޤައުމުގެ އެންމެ މަތީ ޚިދުމަތްތެރިންނަށް މިފަދަ ދަޢުވާ ކުރުމީ މުޅި ދައުލަތް ރޫޅި، ދައުލަތުގެ ހައިބަތު ކުޑަވާ ކަމެއް،" ގިނަ އަހަރުތަކެއް ވަންދެން ސިފައިންގޭގައި ހިދުމަތް ކުރެއްވި އުމަރު ވިދާޅުވިއެވެ.
ސިފައިންގޭގައި ޒަމާނުއްސުރެ އޮންނަ އުސޫލުން، ސިފައިންގޭގެ މަތީ މަގާމު ތަކުގައި ތިއްބަވާ ބޭފުޅުން ގެ އާއިލާ ތަކަށް ސިފައިން ގޭގެ މިފަދަ ވަސީލަތްތައް ބޭނުން ކުރެއްވުމުގެ ހުއްދަ އޮވެ. ސިފައިންގެ ހިދުމަތަކީ ދައުލަތުގެ އެހެނިހެން ހިދުމަތް ތަކާ ތަފާތު އިނާޔަތްތަކަކާ ރައްކާތެރިކަމެއް ލިބިގެންވާ ހިދުމަތެއް. މިއީ މުޅި ދުނިޔޭގައިވެސް މިކަން އޮންނަ އުސޫލުއުމަރު ނަސީރު | ކުރީގެ ހޯމް މިނިސްޓަރު
އުމަރު ވިދާޅުވީ ރައްޔިތުންގެ މަޖްލީހުގެ ރައީސް، އެމަނިކުފާނު އަތޮޅު ތެރެއަށް ކުރެއްވި ދަތުރުފުޅެއްގައި މަޖްލިސް ގެ ބަޖެޓުން އަމިއްލަ ހަރަދެއް ހަމަ ޖެއްސެވި ކަމަށް އޭސީސީ އަށް ހުށަހެޅުނު މައްސަލަ ނިމުނީ ދައުވާ އެއް ކުރުމެއް ނެތި އެ ފައިސާ އަބުރާ ދެއްކުމަށް އަންގަވައިގެން ކަމަށާ މިއީ މިފަދަ ކަންކަން ނިންމަވަން ޖެހޭނެ ގޮތް ކަމަށެވެ.
"ނަމަވެސް ޖެނެރަލް ޝިޔާމް އާއިމެދު މި ނިންމެވީ ދައުވާ ކުރުމަށް ފޮނުއްވުމަށް. މިއީ ހަމަހަމަ ކަން ގެއްލިފައިވާ ބޭއިންސާފު، ސިޔާސީ ނިންމުމެއް ކަން ޔަގީން،" ޝިޔާމްގެ ގައުމީ ހިދުމަތަށް ތައުރީފު ކުރައްވާ އުމަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
އޭސީސީން ޝިޔާމްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕީޖީއަށް ފޮނުވި ނަމަވެސް ޝިޔާމްގެ ބައްޕާފުޅު، ސިފައިންގެ ކޯސްޓް ގާޑްގެ މެރިޓަމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގައި ވީއައިޕީކޮށް ދިރިއުޅުއްވި މައްސަލައަކީ ކޮރަޕްޝަން އެކުލެވޭ މައްސަލައެއް ނޫން ކަމަށް އޮގަސްޓް 16، 2020 ގައި ވަނީ ނިންމާފައެވެ.
މި ފަހުން އެ ކޮމިޝަނުން ގެންދަނީ ކުރިން ނިންމި އެތަށް ނިންމުމެއްތަކެއް އެ ނޫން ގޮތްގޮތަށް ނިންމަމުންނެވެ. އެކަމާއި ގުޅިގެން އޭސީސީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ އެ ކޮމިޝަންގެ މެންބަރުންގެ ގާބިލްކަމާއި ނަޒާހަތްތެރިކަމާމެދު މަޖިލީސް މެންބަރުންނާއި ސިޔާސީ ބޭފުޅުން އަދި އާންމުންވެސް ސުވާލު އުފައްދަވައެވެ. ބައެއް މީހުންގެ ނަޒަރުގައި އޭސީސީގެ މެންބަރުން ހާއްސަކޮށް އެ ކޮމިޝަންގެ ރައީސާ މަސައްކަތް ކުރައްވަނީ މަގާމު ދިފާއު ކުރެއްވުމަށެވެ. ނިންމުންތައް އެކި ފަހަރު އެކި ގޮތަށް އަންނަނީ އެހެން ވެގެނެވެ.
މީގެ ކުރިން ވެންޓިލޭޓަރު މައްސަލާގައިވެސް ފުރަތަމަ މައްސަލައެއް ނެތް ކަމަށް އަދި ފަހުން އެތަށް ބައެއްގެ މައްޗަށް ދައުވާ ކުރަން ވަނީ ނިންމާފައެވެ. ނަމަވެސް ޕީޖީން އެ ނިންމުމާ އެއްގޮތަށް ދައުވާ ކޮށްދީފައެއް ނުވެއެވެ. އެއީ އޭސީސީގެ ތަހުގީގު ފުރިހަމަ ކޮށްފައިނުވާތީއެވެ.