ފައިސަލް ނަސީމް

އދ.ގެ ކާނާއާ ބެހޭ ވެރިޔާ، ނައިބް ރައީސް އަރިހަށް

Mar 8, 2022

ރާއްޖެ ވަޑައިގެން އުޅުއްވާ އދގެ ފުޑް އެންޑް އެގްރިކަލްޗާ އެޖެންސީ (އެފްއޭއޯ)ގެ ވެރިޔާ -- ޑިރެކްޓާ ޖެނެރަލް ޗޫ ޑޮންޔޫ، ނައިބް ރައީސް ފައިސަލް ނަސީމާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދުނިޔެއަށް އަންނަމުންދާ ބަދަލުތަކަށް ހޭނުމާ ގުޅެގޮތުން އަދި ކާބޯތަކެތި ކަށަވަރުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން ދެބޭފުޅުން ވަނީ ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ އިގްތިސޯދީ ގޮންޖެހުންތަކާ ގުޅިގެން އަމިއްލަ ފުދުންތެރިކަމުގެ ތެރެއިން ކާބޯތަކެތި ކަށަވަރުކުރުމަށް ފަރުދީ ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅުމާ ގުޅޭ ވެސް ވާހަކަދައްކަވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިކަމަށާއި ބޭރުގެ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވުމުން ކޮވިޑްގެ ބަލިމަޑުކަމުގެ ނޭދެވޭ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރި ކަމަށެވެ. ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެފްއޭއޯ ފަދަ ޖަމިއްޔާއެއްގެ އެހީތެރިކަމާއި ފަންނީ ލަފާގެ ބޭނުން ހިފައިގެން ލިބޭ ގެއްލުމުގެ އަސަރު ކުޑަކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތްކުރެވިދާނެ ކަމުގައި ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ބިމުގެ ދަތިކަމާއި ލިބެން ހުރި ވަސީލަތްތައް މަދުކަން ފާހަގަކުރައްވައި ދަނޑުވެރިކަން ކުރުމުގައި އީޖާދީ ހައްލުތަކެއް ހޯދުމަށް އެފްއޭއޯގެ އެހީތެރިކަން ބޭނުންވާ ކަމުގައި ވިދާޅުވެފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ޗޫ ޑޮންޔޫ ވިދާޅުވީ މިހާރަށް ވުރެ ބޮޑަށް އެފްއޭއޯގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދިނުމަށް ރާއްޖޭގެ އެގްރިކަލްޗާ މިނިސްޓްރީއާ އެކު ގާތުން މަސައްކަތް ކުރާނެ ކަމަށާއި، މިކަމުގައި އދ.ގެ އިދާރާތަކުގެ އެހީތެރިކަން ބޮޑު ކަމަށެވެ.

ޗޫ ޑޮންޔޫ މާނިޔާފުށްޓަށް ކުރެއްވެވި ދަތުރުފުޅަށް ބައްލަވާލައްވަމުން ޗޫ ވަނީ ރާއްޖޭގައި މެރިކަލްޗާ ތަރައްގީކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ފާހަގަކުރައްވައި ތައުރީފް ކުރައްވާފަ އެވެ. އަދި ރާއްޖޭގައި ދިރާސާތައް ކުރުމަށް އަދި މިފަދަ ކަންކަން ތަރައްގީކުރުމަށް އިތުރަށް އިންވެސްޓްކުރުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، އެކަންކަން ކުރުމަށް ބޭނުންވާ ތަމްރީނުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މިބައްދަލުކުރެއްވުމުގައި އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި، އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރު ކެތަރިން ހަސްވެލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.