ޑރ. އިބްރާހިމް ހަސަން

ޔުކްރޭނުން އައި އިތުރު ކުދިންނާ މިނިސްޓަރު ބައްދަލުކުރައްވައިފި

Mar 8, 2022

ޔުކްރޭން އާއި ރަޝިއާއާ ދެމެދު ފަށާފައިވާ ހަނގުރާމައާއި ގުޅިގެން ޔުކްރޭންގައި ކިޔަވަން ތިބި ދަރިވަރުންގެ ތެރެއިން ރާއްޖެ އައިސްފައިވާ އިތުރު ދިވެހި ދަރިވަރުންތަކަކާ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ބައްދަލުކުރައްވައިފި އެވެ.

މިނިސްޓަރު ވަނީ ޔުކްރޭނުން ރާއްޖެ އައި ދިވެހި ދަރިވަރުންތަކަކާ މިމަހުގެ ތިންވަނަ ދުވަހު ވެސް ބައްދަލުކުރައްވާފަ އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި މިނިސްޓަރު މިއަދު ބައްދަލުކުރެއްވީ ޔުކްރޭންގެ އިވާނޯ އިން ރާއްޖެ އައި 13 ދަރިވަރުންނާއި ކުރިން ކާކީވް އިން އައި ދެ ދަރިވަރުންނާ އެވެ.

އިވާނޯ އިން އައި ދަރިވަރުންނަކީ ޔުކްރޭންގައި އެއްގަމު މަގުން ދިގު ދަތުރެއްކޮށް ޖެހިގެން އޮތް ހަންގޭރީއަށް އެތެރެވުމަށްފަހު ވައިގެ މަގުން ރާއްޖެ އައިސް ދަރިވަރުންތަކެކެވެ.

މިބައްދަލުވުމުގައި މިނިސްޓަރު ވަނީ ދަރިވަރުންގެ ކިޔެވުން މިހާތަނަށް ކުރިއަށް ދިޔަ ގޮތް އޮޅުން ފިލުއްވާލައްވާފަ އެވެ. އަދި މިފަދަ ހާލަތެއްގައި ކޮންމެ ދަރިވަރަކުވެސް، އެ ދަރިވަރުންގެ ކިޔެވުން ދެން ކުރިއަށް ގެންދެވިދާނެ ގޮތާއި ދޭތެރޭ ޔުނިވަސިޓީއާ ވާހާކަ ދައްކަމުން ގެންދިޔުމަކީ މުހިއްމު ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ބޭންކް އޮފް މޯލްޑިވްސްއާއި ސަރުކާރުގެ ވުޒާރާތަކުން ދަރިވަރުން ރާއްޖެ ގެނައުމުގައި ވެދީފައިވާ އެހީތެރިކަން ފާހަގަކުރައްވާ، އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ދަރިވަރުން ވެސް ވަނީ މިނިސްޓްރީން އެ ދަރިވަރުންނަށް ވެދިން އެހީތެރިކަމަށް ޝުކުރުއަދާކޮށްފަ އެވެ.

ޔޫކްރޭންގައި ތިބި ދަރިވަރުން ރާއްޖެ ގެނައުމަށްޓަކައި ފޯރުކޮށްދޭންޖެހޭ މާލީ އެހީތެރިކަން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހުރިހާ ދަރިވަރުންނަށް ވެސް ފޯރުކޮށްދީފަ އެވެ.

ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދޭން ފެށިއިރު އެ ގައުމުގައި 51 ދިވެހި ދަރިވަރުން ތިއްބެވެ. އޭގެ ތެރެއިން 30 ދަރިވަރުން ހަނގުރާމަ ފެށުމުގެ ކުރިން ރާއްޖެ އައިސްފައިވެ އެވެ. އަދި ބާކީ ތިބި 21 ދަރިވަރުންވެސް މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ.