ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ޓްރަސްޓް ފަންޑެއް އެކުލަވާލައިފި

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ޓްރަސްޓް ފަންޑެއް އެކުލަވާލާފައިވާ ކަމަށް ހަޔަ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން އިބްރާހިމް ހަސަން ވިދާޅުވީ ސްޓޫޑެންޓް ލޯނު ދިނުމަށްޓަކައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ޓްރަސްޓް ފަންޑެއް އެކުލަވާލާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސްޓޫޑެންޓް ލޯނު ނަގާ ފަރާތްތަކުން އެ ފައިސާ އަނބުރާ ދެއްކުން ވަރަށް މުހިއްމު ކަމަށެވެ. ދެން އަންނަ ސަރުކާރުތަކުގައި ދަރިވަރުންނަށް ލޯނު ދޭނީ ޓްރަސްޓް ފަންޑު މެދުވެރިކޮށްގެން ކަމުގައިވެސް ވިދާޅުވި އެވެ.

"މި ޓްރަސްޓް ފަންޑަށް މި ލޯނު ފައިސާ ޖަމާވެގެން ދާނީ. އެ ޓްރަސްޓް ފަންޑް ރޮޓޭޓިން ފަންޑެއް ގޮތުގައި އަޅުގަނޑުމެން ގެންގުޅޭނީ. އޭގެން މުސްތަގުބަލުގައި ސަރުކާރުތަކުން ސްޓޫޑެންޓް ލޯނު ދެމުން ގެންދާނީ،" އިބްރާހީމް ހަސަން ވިދާޅުވި އެވެ.

މީގެ އިތުރުން ލޯނުގެ ފައިސާ އަނބުރާ ނުދައްކާ ފަރާތްތަކާއި މެދު އަމަލު ކުރާނެ އުސޫލެއް ތައްޔާރުކޮށް މިހާރު އޮތީ ގެޒެޓު ކުރުމުގެ މަރުހަލާގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިބްރާހިމް ހަސަން ވިދާޅުވީ ވަރަށް ގިނަ ދަރިވަރުން ލޯނުގެ ފައިސާ އަނބުރާ ދައްކާފައިވާ ކަމަށާއި ފައިސާ ނުދައްކާ ދަރިވަރުންގެ އަތުން ފައިސާ ހޯދުމަށް ސަރުކާރުން މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެކި ސްކީމްތަކުގެ ދަށުން މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް ދޫކޮށްފައިވާ ލޯނުތަކުން ލިބެން ޖެހޭ 1.9 ބިލިއަން ރުފިޔާ ނުލިބޭ ކަމަށް އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ 2021 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުން ވަނީ ދައްކާފަ އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެކި ސްކީމްތަކަށް ދޫކޮށްފައިވާ ލޯނުތަކުން ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާ ހޯދުމަށް އެ މިނިސްޓްރީން އެކަށީގެންވާ މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. އަދި ލޯނުތަކަށް އަނބުރާ ލިބެންޖެހޭ ފައިސާގެ ސައްހަކަންވެސް ކަށަވަރުވެފައި ނުވާ ކަމަށްވެސް ބުނެފައިވެ އެެވެ.