ޑރ. މަރްޔަމް މާރިޔާ

ޓްރެއިނިން ރިސޯޓުގެ މަސައްކަތް ދެ އަހަރުތެރޭ ފަށަނީ

ގައުމީ ޔުނިވާސިޓީއާ ގުޅިގެން ހަދާ ޓްރެއިނިން ރިސޯޓުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރުތެރޭ ފަށާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ރިސޯޓުގެ ޕްރޮޕޯސަލް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ މުރާޖައާކުރުމުގެ މަސައްކަތް ކަމަށެވެ.

ރިސޯޓަށް އިންވެސްޓަރުން ހޯދުމަށްފަހު ކުރިއަށް އޮތް ދެ އަހަރުތެރޭ އަމަލީ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން މާރިޔާ ވަނީ ދެއްވާފަ އެވެ.

ލ. އަތޮޅުގައި ހެދުމަށް ހަމަޖެހިފައިވާ މި ރިސޯޓުގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާތަކުން ކިޔެވުމަށް ރާއްޖެއިން ބޭރުން ދަރިވަރުން ރާއްޖެއަށް ގެނައުމެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ސިނާޔަތުގެ މަތީ މަގާމުތަކުގައި ތައުލީމު ހާސިލުކޮށްގެން ތިބި ދިވެހިން ނެތުމުގެ މައްސަލަ ހައްލުކުރުމަކީވެސް މި ރިސޯޓުގެ މަގުސަދެކެވެ.

އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި ފަތުރުވެރިކަމުގެ ސިނާޔަތުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 40 އިންސައްތައަކީ ދިވެހިންނެވެ. އެއީ 22،337 މީހުންނެވެ.