ދުނިޔެ

ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ދިނުމަކީ ގޯހެއް: ބޮރެލް

ޔުކްރޭނަށާއި ޖޯޖިއާއަށް ނޭޓޯ މެމްބަރުކަން ދޭނެ ކަމަށް ބުނެވުމަކީ ޔޫރަޕިއަން ޔޫނިއަނަށް ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީ އެމްބެސެޑަރު ޖޯސެފް ބޮރެލް ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ގިނަ ގޯސް ހެދިއްޖެ،" ޓީއެފްވަން ޓީވީ ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި ބޮރެލް ވިދާޅުވި އެވެ. "އެންމެ ބޮޑު ގޯހަކީ ރަޝިއާއާ އެކު ގުޅުން ރަނގަޅު ކުރަން ހުޅަނގަށް ލިބުނު ފުރުސަތުގެ ބޭނުންހިފޭ ގޮތް ނުވުން."

ބޮރެލް ވިދާޅުވީ ހުޅަނގަށް ހެދިފައި ހުރީ އެންމެ ގޯހެއް ނޫން ކަމަށެވެ. އަދި ހެދިފައި ހުރި ގޯސްތަކަށް އިޝާރާތް ނުކޮށް ހާލަތު ރަނގަޅު ނުުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫރަޕިއަން ޔޫނިއަނަށް ކުރެވިދާނެ ކަންކަމާއި ކުރެވެން ނެތް ކަންކަމާ މެދު މަޝްވަރާ ކުރައްވާ ކަމަށް ބޮރެލް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ކުރެވެން ނެތް ކަންތައްތަކާ މެދު ވެސް އޮފިޝަލުން މީޑިއާތަކުގައި ވާހަކަދައްކަވާ ކަމަށެވެ.

ސްލޮވީނިއާގެ ބޮޑުވަޒީރު ޔާނެޒް ޔާންޒާ ކުރިން ވިދާޅުވި ގޮތުން ޔޫރަޕިއަން ޔޫނިއަންގެ ވެރިންގެ މެދުގައި އެއްބާރުލުމެއް ނެތެވެ.

އޭނާ ވިދާޅުވީ ޔުކްރޭނަށާއި ޖޯޖިއާއަށް ނޭޓޯ މެމްބަރުކަން ދިނުމާ މެދު ވެސް ޔޫރަޕްގެ އެކި ގައުމު ދެކެނީ އެކި ގޮތަށް ކަމަށާއި އެކަމަކު އޮތް ތަރުހީބު ބޮޑު ކަމަށެވެ.

ޔުކްރޭން ނޭޓޯ މެމްބަރަކަށް ވުމަށް އެގައުމުގެ ރައީސް ވޮލޮދިމިރު ޒެލެންސްކީ ވަނީ ފެބްރުއަރީ 28 ގައި ފޯމު ހުށަހަޅުއްވާފަ އެވެ. ޖޯޖިއާ އަދި މޮލްޑޯވާއިން ވެސް ވަނީ މެމްބަރުކަން ހޯދަން ނޭޓޯއަށް ހުށަހަޅާފަ އެވެ.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވީ ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ދިނުމާ މެދު މަޝްވަރާ ކުރުމަކީ މިވަތުގަށް ބަލާއިރު ބޮޑު ނުރައްކަލެއް ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ހަނގުރާމައެއްގެ ތެރޭގައި އޮތް ގައުމަކަށް މެމްބަރުކަން ދީގެން ނުކުންނާނެ ނަތީޖާ އެނގިވަޑައިނުގަންނަވާ ކަމަށެވެ.