މިޔަރުގެ މަސްވެރިކަން

މިޔަރު ބޭނި މައްސަލަ ފުލުހުން ބަލަނީ

ފުވައްމުލަކު ސަރަހައްދުގައި މިޔަރު ބޭނި ކަމަށް ބުނާ މައްސަލަ ބަލަން ފަށައިފި އެވެ.

ޑިންގީއެއްގައި މަހަށް ނުކުމެ އުޅުނު ބަޔަކު މިޔަރު ބާނައި އޭގެ އުރަހަތައް ނެގުމަށް ފަހު ބާކީ ބައި ކަނޑަށް އުކާލާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފަ އެވެ.

އެ ވީޑިއޯ އާންމުކުރި ފަރާތުން ބުނީ އެކަން ހިނގާފައި ވަނީ ފުވައްމުލަކު ސިޓީގެ ރަސްފަންނު ސަރަހައްދުގއި ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ މި މައްސަލަ މިނިސްޓްރީގެ ސަމާލުކަަމަށް އައިސްފައިވާ ކަމަށާއި އެކަމަކު ރަސްމީކޮށް އެ މައްސަލަ މިނިސްޓްރީއަށް ހުށަހަޅައިފައިނުވާ ކަމަށެވެ.

އެހެން ނަަމަވެސް އެ މައްސަލަ ބަލަން ފަށައިފައިވާ ކަމަށް ފުލުުހުން މައުލޫމާތު ދީފައިވާ ކަމަށް މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ނުލިބެ އެވެ.

ރާއްޖޭގައި މިޔަރު ހިމާޔަތްކޮށްފައިވާ އިރު 2010 ވަނަ އަހަރުން ފެށިގެން މިޔަރު ހިފުމާއި މިޔަރަށް ގޯނާ ކުރުން ވަނީ މަނާކޮށްފަ އެވެ.

އެހެން ނަމަވެސް މިޔަރު ހިފުމާއި މިޔަރު އުރަހަ ބޭރުކުރަން އުޅުމުގެ މައްސަލަތައް ފެންމަތިވެފައި ވެއެވެ.

ރާއްޖޭން ބޭރުކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަ މިދިޔަ އަހަރު ޖެނުއަރީ މަހު ވަނީ ހިފަހައްޓައިފަ އެވެ.