މީރާ

ފުރަތަމަ ދެމަހު ޖޫރިމަނާގެ ގޮތުގައި 18 މިލިއަން ރުފިޔާ

Mar 13, 2022

ޖޫރިމަނާގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ދެ މަހުގެ ތެރޭގައި 18.7 މިލިއަން ރުފިޔާ މީރާ އަށް ބަލައިގެންފި އެވެ.

މީރާ އިން އާންމުކޮށްފައިވާ ފެބްރުއަރީ މަހުގެ ތަފާސްހިސާބުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ދެ މަހު ޖޫރިމަނާގެ ގޮތުގައި މީރާ އަށް ލިބުނު 18.7 މިލިއަން ރުފިޔާ އަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖޫރިމަނާގެ ގޮތުގައި ލިބުނު އަދަދަށް ވުރެ 4.7 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

ޖޫރިމަނާގެ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހު މީރާ އަށް 9.5 މިލިއަން ރުފިޔާ ލިބިފައިވާއިރު ފެބްރުއަރީ މަހު ލިބުނީ 8.99 މިލިއަން ރުފިޔާ އެވެ.

މިއަހަރުގެ ބަޖެޓުގައި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 62.4 މިލިއަން ރުފިޔާ އެވެ.

ދައުލަތުން ދޭ އެކި ހިދުމަތްތަކުން ޖޫރިމަނާގެ ގޮތުގައި ބޮޑު އަދަދެއް ދައުލަތަށް އާމްދަނީގެ ގޮތުގައި ވަންނަ ކަމަށް ދައްކަ އެވެ. ނަމަވެސް ބައެއް ކަންކަމުން ޖޫރިމަނާ ކުރަމުން ގެންދާތީ އާއްމުންގެ ޝަކުވާ ބޮޑެވެ. މީގެ އެއް ކަމަކީ ޕާކިން މައްސަލަ އެވެ. މާލޭގައި ޕާކު ކުރާނެ އެކަށީގެންވާ ޖާގަނެތި ޕާކިން ޖޫރިމަނާ ކުރުމަކީ އާއްމުންގެ މެދުގައި އުދާސްކަން ބޮޑު މައްސަލަ އެކެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ކުރާ ޖޫރިމަނާއާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބޭ ގޮތަށް ޓްރާންސްޕޯޓު މިނިސްޓްރީން މިހާރު ވަނީ ގަވާއިދެއް ގެޒެޓްކޮށް އަމަލުކުރަން ފަށާފަ އެވެ. ގަވައިދުގައިވާ ގޮތުން ޖޫރިމަނާ ކުރުމާ ގުޅިގެން ހުށަހަޅާ ޝަކުވާތަކަށް ބަލައި ގޮތް ނިންމާނީ ޓްރާންސްޕޯޓް މިނިސްޓަރު އައްޔަންކުރާ ތިން މެންބަރުންގެ ކޮމިޓީގެ އަގުލަބިއްޔަތުންނެވެ.

ޖޫރިމަނާކުރީ ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނޫން ކަމަށްވާނަމަ ޖޫރިމަނާގެ އަދަދު ބަދަލުކުރުމާއި އަދި ޖޫރިމަނާ ކުރި ކުރުން ބާތިލް ކަމަށް ކޮމިޓީ އަށް ނިންމިދާނެ އެވެ. ކޮމިޓީން ޖޫރިމަނާއެއް ބާތިލް ކަމަށް ނިންމައިފިނަމަ ޖޫރިމަނާއާއި ގުޅިގެން އެޅި ހުރިހާ ފިޔަވަޅެއް ވެސް ބާތިލްވާނެ އެވެ. މީގެތެރޭގައި ވެހިކަލް ޓޯ ކުރުމާއި ލައިސަންސް ހިފެހެއްޓުން ވެސް ހިމެނެ އެވެ.