ޖޭއެސްސީ

ކޮނޑޭ އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

Mar 16, 2022

ގއ. ކޮނޑޭގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް ސަސްޕެންޑް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއް، މުހައްމަދު އިބްރާހީމްގެ މަސްލަހަތު ފުށުއަރާތީ އެ މައްސަލައިން ތަނާޒުލުވުމުމަށްފަހު، މައްސަލާގައި ދައުވާ ލިބޭ ފަރާތުގެ ވަކީލުންނަށް ފޮނުވާފައިވާ ކޯޓު އަމުރުތަކުގައި އޭނާ ސޮއި ކުރައްވާފައިވާ ކަމަށެވެ.

އަމުރުތަކުގައި ސޮއިކުރުމަށް އެ މައްސަލައާ ހަވާލުވެ ހުރި މެޖިސްޓްރޭޓް، މުހައްމަދު އިބްރާހީމް އަރިހުގައި ސޮއި ކުރައްވަން އެދިވަޑައިގެންފައި ނުވާނެ ކަމަށް ޖޭއެސްސީގެ ތަހުގީގުގައި ބުނެފައިވެ އެވެ. އަދި އެ ގަޒިއްޔާއާ ގުޅިގެން ދައުވާ ލިބޭ ފަރާތާ މުއާމަލާތު ކޮށްފައިވާ ހުރިހާ ލިޔުމެއްގައި ސޮއި ކުރައްވާފައިވަނީ މުހައްމަދު އިބްރާހީމް ކަމަށްވެސް ޖޭއެސްސީން ބުނެ އެވެ.

އެ ކޮމިޝަނުން ބުނީ މުހައްމަދު އިބްރާހީމްގެ މަސްލަހަތު ފުށުއަރާ މައްސަލައެއް ހިންގުމަށްޓަކައި، އޭނާ އަމަލީގޮތުން މަސައްކަތް ކުރައްވާފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން މުހައްމަދު އިބްރާހީމްގެ އެ އަމަލުތަކަކީ ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފް އަމަލުތަކެއް ކަމަށް ޖޭއެސްސީން ނިންމާފައިވެ އެވެ.

ޖޭއެސްސީގެ ގާނޫނުން ކޮމިޝަނަށް ލިބިދޭ ބާރުގެ ދަށުން މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް އަދި އޮފީހަށްވެސް ނުނިކުމެވޭ ގޮތަށް މުހައްމަދު އިބްރާހީމް ސަސްޕެންޑް ކުރަން ޖޭއެސްސީން މިއަދު ނިންމީ މާދަމާއިން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަކަށެވެ.

ޖޭއެސްސީން މީގެކުރިން ވެސް ވަނީ ބައެއް ފަނޑިޔާރުންގެ މައްސަލަ ސާބިތުވުމުން އެ ބޭފުޅުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ކުރިން ސަސްޕެންޑް ކޮށްފަ އެވެ. ފަނޑިޔާރަކު މަގާމުން ވަކިކުރަން ޖޭއެސްސީން ބޭނުންވާނަމަ އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ތަޅުމުން އެގޮތަށް ނިންމައިގެންނެވެ.