ކީރިތި ގުރުއާން

ގައުމީ ގުރުއާން މުބާރާތުގެ ވަނަތަކަށް އިނާމު ހަވާލުކޮށްދެއްވައިފި

Mar 17, 2022
1

ކީރިތި ގުރުއާން ކިޔެވުމުގެ 34 ވަނަ ގައުމީ މުބާރާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ލިބޭ ފަރާތްތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިނާމު ހަވާލުކޮށްދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މި އިނާމުތައް ހަވާލުކޮށްދެއްވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ކީރިތި ގުރުއާން ކިޔެވުމުގެ 34 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގަ އެވެ.

މި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވަނީ މުޅި މުބާރާތުން ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ބައިން އެއްވަނައަށާއި މުބާރާތުގެ ހާފިޒުންގެ ގޮފިން އެއްވަނައަށާއި މުޅި މުބާރާތުން އެއްވަނަ އަދި މުޅި މުބާރާތުން އެއްވަނަ މުއައްސަސާއަށް އެމަނިކުފާނު ދެއްވާ ހާއްސަ އިނާމު ހަވާލުކޮށްދެއްވާފަ އެވެ.

ކީރިތި ގުރުއާން ކިޔެވުމުގެ 34 ވަނަ ހައުމީ މުބާރާތް (2021) ކުރިއަށް ގެންދިޔައީ ވާޗުއަލްކޮށެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ބައި ކުރިއަށް ގެންދިޔައީ ބައިވެރިން ކިޔަވަން ބޭނުންވާ ތަން ރެކޯޑްކޮށް، އެ ވީޑިއޯ ޕޯޓަލް އަކަށް އަޕްލޯޑްކޮށްގެންނެވެ. ނުބަލާ ކިޔެވުމުގެ ބައި ކުރިއަށް ގެންދިޔައީ ޒޫމް މެދުވެރިކޮށް ލައިވްކޮށެވެ.

މުބާރާތް ކުރިއަށް ގެންދިޔައީ ހަ އުމުރު ފުރާއަކަށް ބަހާލައިގެންނެވެ. އަދި މުބާރާތް ކުރިއަށް ގެންދިޔައީ މައިގަނޑު ތިން ބަޔަކުން ވާދަކުރެވޭ ގޮތަށެވެ. އެ ބައިތަކަކީ ބަލައިގެން ކިޔެވުމުގެ ބަޔާއި ނުބަލާ ކިޔެވުމުގެ ބަޔާއި ހާފިޒުންގެ ބައެވެ.

މުޅި ރާއްޖެއަށް އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ 1700 ބައިވެރިން ބައިވެރިވިއިރު އޭގެތެރޭގައި 98 މުއައްސަސާއަކުން ބައިވެރިވި ބައިވެރިންވެސް ހިމެނެ އެވެ.