ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުން މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ނަތީޖާ ފާޅުކުރާ ތާރީހް އިއުލާން ކުރި ނަމަވެސް މި ހަފްލާ ބާއްވާނެ ވަކި ތަނެއް އަދި ބުނެފައެއް ނުވެ އެވެ.
ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ފެށީ މިދިޔަ ޖޫން މަހުގެ 29 ވަަނަ ދުވަހު އެވެ. މި މުބާރާތުގައި ބައިވެރިވި ހުރިހާ ދަރިވަރުން ކިޔަވާ ނިމުނީ އިއްޔެ އެވެ.
މި މުބާރާތް ފެށުމުގެ ކުރިން އިސްލާމިކް މިނިސްޓްރީން ހިއްސާކުރި މައުލޫމާތަށް ބަލާއިރު އަތޮޅުތަކުގެ ސްކޫލުތަކަށް ނިސްބަތްވާ 357 ދަރިވަރުންނާ ސިޓީ ކައުންސިލްތަކުގެ ސްކޫލު ތަކަށް ނިސްބަތްވާ 365 ދަރިވަރުންނާއި، އަދި އެހެނިހެން މުއައްސަސާ ތަކަށް ނިސްބަތްވާ 292 ބައިވެރިން މުބާރާތުގައި ބައިވެރިވި އެވެ. މީގެ އިތުރުން ހާފިޒު ކަމުގެ ބައިގާ ވާދަ ކުރި 15 ބައިވެރިންނާ އެކު ޖުމްލަ 1029 ބައިވެރިން މިމުބާރާތުގައި ބައިވެރިވި ކަމަށް އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.
ނަމަވެސް މުބާރާތުގެ ކިޔެވުން އިއްޔެ ނިމިގެން ދިޔައިރު މި މުބާރާތުގައި ކިޔަވާފައިވަނީ ޖުމްލަ 119 މުއައްސަސާ އަކުން 992 ދަރިވަރުންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ބައިގާ 579 ދަރިވަރުންނާއި ނުބަލާ ކިޔެވުމުގެ ބައިގާ 413 ދަރިވަރުންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިފަދަ މުބާރާތްތައް ބޭއްވުމުގެ މަގުސަދަކީ ގުރުއާން ކިޔެވުމުގެ އިލްމާއި ފަންނު އިތުރުކޮށް ހާފިޒުން އިތުރުވެ އިސްލާމް ދީނަށް ދަރިވަރުންގެ ހިތްތަކުގައި އޮންނަ ލޯބި އިތުރުކުރުން ކަމުގައި އިސްލާމިކު މިނިސްޓްރީންބުނެ އެވެ.