ޑރ. މުހައްމަދު މުއިއްޒު

ގައުމީ ގުރުއާން މުބާރާތް އެންމެ އަގުބޮޑު މުބާރާތަށް ހަދަނީ

މި އަންނަ އަހަރުން ފެށިގެން ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ މި ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އަދި އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތަށް ހައްދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތިރިސްހަވަނަ ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ ގުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އިސްލާމްދީނަށް ނަސްރު ދިނުމަކީ މިސަރުކާރުން އެންމެ އިސްކަން ދޭނެ ގައުމީ އެއް ވާޖިބު ކަމަށެވެ.

"އެކަމަށްޓަކައި ކީރިތި ގުރުއާނުގެ އިލްމު ފެތުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކީރިތި ގުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށް އަދި އެކަމަށް ހިތްވަރުދީ މަގުކޮށައި ދިނުމަށް މި ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. އަދި އެ މަސައްކަތުގައި އެމަނިކުފާނު ގެންގުޅުއްވާނެ ސިޔާސަތަކ ކީރިތި ގުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއް ކުރުން ކަމަށާއި، އެކަމަށްޓަކައި ވަސީލަތްތައް އިތުރުކޮށް ހާފިޒުންނަށް ދޭ އިނާޔަތް ދެ ގުނައަށް ބޮޑުކުރުން ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހީންގެ ދިރިއުޅުން އިސްލާމީ ސަގާފަތުން ޒީނަތްތެރިވެގެންވުމަކީ ދިވެހިންނަށް އެންމެ ލާބަހުރި ގޮތް ކަމަށާއި އެކަމަށް މަގުފަހިކޮށްދިނުމަށްވެސް މި ސަރުކާރުން ސަމާލުކަން ދޭނެ ކަމަށެވެ. އެގޮތުން ހިލޭ ކީރިތި ގުރުއާން ކިޔެވޭނެ ކުލާސްތައް އިތުރުކޮށް މި ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.


މިރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކީރިތި ގުރުއާނުގެ އިލްމާއި ކީރިތި ގުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށްޓަކައި މި ސަރުކާރުން އަވަސް ހަލުވި ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ މާލީ އެހީ ތަނަވަސްކުރުމަށް "ދާރުއްސަލާމް" އާއި "ދާރުލްއަރްޤަމް"ގެ ނަމުގައި އިތުރު ދެ ވަގުފް އިމާރާތް ބިނާ ކުރުމުގެ މަސައްކަތް މި ސަރުކާރުން މިހާރު ކުރިއަށް ގެންދާ ކަމަށްވެސް ވިދާޅުވި އެވެ.

"ހަމައެއާއެކު ކީރިތި ގުރުއާން އުނގަންނައިދިނުމަށް، ކީރިތި ގުރުއާނަށް ހާއްސަ ގައުމީ ހިޔާވައްސެއް ހުރުމަކީ މުހިއްމު ކަމެއް. މި ސަރުކާރުގެ މެނިފެސްޓޯގެ ވައުދުތަކާ އެއްގޮތަށް އެ ފުޅާމިނުގައި ގުރުއާނާ ބެހޭ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުމަށް ބިމެއް ހަމަޖެހިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ނިޔަތާއި އަމަލުގެ މަސްދަރަކީ ކީރިތި ގުރުއާންކަމުގައި ހެދުމަށް އިލްތިމާސް ކުރައްވާފަ އެވެ.