އިސްލާމިކް މިނިސްޓްރީ

ސަރުކާރުން ހައްޖަށް ފޮނުވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލަނީ

ރާއްޖެއިން މީގެކުރިން ހައްޖަށް ދިޔަ ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި -- ފޮޓޯ: އަވަސް
0%
0%
0%

ސަރުކާރުގެ ހަރަދުގައި މި އަހަރު ހައްޖަށް ފޮނުވާ 50 މީހުންގެ ދިރިއުޅުމުގެ ހާލަތު ވަކިވަކިން ބެލުމަށް ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ ސަރުކާރުގެ ހަރަދުގައި ހައްޖަށް ދާން ފަގީރުންގެ ދަފްތަރުން ހޮވޭ ފަރާތްތައް ހައްޖަށް ފޮނުވާނީ އިތުރަށް އެމީހުންގެ ހާލަތު ބަލައި ފަގީރުންގެ ޝަރުތަށް ފެތޭކަން ކަށަވަރުކޮށްފައި ކަމަށެވެ.

އޮޅުވާލައިގެން މައުލޫމާތު ދީގެން ފަގީރުންގެ ދަފްތަރުގައި ޖެހިފައިވާކަން ސާބިތުވެއްޖެނަމަ ހައްޖުގެ ފުރުސަތު ގެއްލޭނެ ކަމަށްވެސް ޝަހީމު ވިދާޅުވި އެވެ.

ވެރިކަމުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި 1،000 ފަގީރުން ހައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ވައުދު ފުއްދުމުގެ ގޮތުން މިދިޔަ އަހަރުވެސް ފުރަތަމަ 50 މީހުން ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާފައިވެ އެވެ.

ސަރުކާރުގެ ހަރަދުގައި ހައްޖަށް މީހުން ގެންދިއުމާ ގުޅޭ އުސޫލުގެ ދަށުން ޝަރުތު ހަމަވާ 302 މީހެއްގެ މެދުގައި ގުރުއަތުލައި މިއަހަރު ހައްޖަށް ފޮނުވާނެ 50 މީހުން ކަނޑައެޅީ މިމަހުގެ 11 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީގައި ކުރިއަށް ގެންދިޔަ ގުރުއަތަކުންނެވެ.

ގުރުއަތުން ހޮވުނު މީހުންގެ ތެރެއިން އެއްވެސް ސަބަބަކާ ހުރެ ހައްޖު ދަތުރުގައި ބައިވެރި ނުވެވޭ ހާލަތެއް އެއްވެސް މީހަކަށް މެދުވެރިވެއްޖެނަމަ، އެމީހުންގެ ބަދަލުގައި ހައްޖަށް ފޮނުވާނެ 10 މީހުންވެސް އެ ދުވަހު ގުރުއަތުން ހޮވާފައިވެ އެވެ.

ސަރުކާރުުގެ ހަރަދުގައި ހައްޖަށް ފޮނުވާ މީހުންނަކީ ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ބަލަހައްޓަމުން ގެންދާ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނެވެ. ޒަކާތު ހައުސް އިން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފަގީރުންގެ ދަފްތަރު މުރާޖައާވެސް ކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910