ދިވެހިރާއްޖޭގެ ޒަކާތު ހައުސް

ޒަކާތު ހައުސް އުފެއްދުމަކީ އެންމެ ތާރީހީ އެއް ދުވަސް: ޝަހީމް

ޒަކާތުގެ ހައުސް އުފެއްދުމަކީ އިސްލާމީ ވުޒާރާގެ ހަޔާތުގައި އައި އެންމެ ތާރީހީ އަދި އެންމެ އުފާވެރި ދުވަސް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޒަކާތު ހައުސް އިފްތިތާހު ކުރުމަށް މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ އިސްލާމް ދީނުގެ ތިންވަނަ ރުކުން ނެގެހެއްޓުމަށްޓަކައި އުފެއްދި ޒަކާތު ހައުސްގެ ސަބަބުން ޒަކާތުގެ ނަފާ އޭގެ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށް ފުރުސަތު އިތުރަށް ފަހިވެގެންދާނެ ކަމަށެވެ.

ޝަހީމް ވަނީ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ކަމެއްގެ ގޮތުގައި ޒަކާތު ހައުސް ހިމަނައި އެކަން ހަގީގަތަކަށް ހައްދަވައިދެއްވި ކަމަށްޓަަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ދަންނަވާފަ އެވެ. މިއީ ރާއްޖޭގައި ރިޔާސީ ކެންޑިޑޭޓެއްގެ މެނިފެސްޓޯގައި ޒަކާތު ހައުސްގެ ވާހަކަ ހިމެނި ފުރަތަމަ ފަހަރު ކަމުގައިވެސް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ޒަކާތު ހައުސް އުފެއްދުމުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ޒަކާތް ނަގާ މީހަކީ ކުރިއަށް އޮތް އަހަރުތަކުގައި ޒަކާތް ދައްކާ މީހަކަށް ބަދަލުކޮށްލުން ކަމަށެވެ.

ޒަކާތު ހައުސްގެ ދަށުން ކުރާނެ މަސައްކަތް ތަކަކީ ޒަކާތު ފަންޑުން ލިބޭ ފައިސާ ބޭނުންތެރި ގޮތުގައި އެހެން މަޝްރޫއެއްގައި ބޭނުންކޮށްގެން އިސްލާމީ އުސޫލުތަކުގެ ތެރެއިން ފައިދާއެއް ނެރުމާއި، ޒަކާތް ބަލައިގަނެ އެ ހައްގުވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމާއި، ކޮންމެ ހަމަ މަހަކު އެއްފަހަރު މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމެވެ. މީގެއިތުރުން ރާއްޖޭގައި ޒަކާތުގެ އިލްމު ފަތުރާ ޒަކާތް ނެރުމާއި ޒަކާތާ ގުޅޭ ގޮތުން އާންމުންނާއި ދައުލަތުގެ މުއައައްސަސާތައް ހޭލުންތެރިކުރުމަކީ މި އިދާރާގެ ބޭނުމެކެވެ.

ޒަކާތުގެ ނިޒާމު ހަރުދަނާކުރަން އިސްލާމިކް މިނިސްޓްރީގެ ދަށުން ވަކި އިދާރާއެއްގެ ގޮތުގައި ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް ގާއިމުކުރުމަށް ރައީސް މުއިއްޒު ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. މިކަމަކީ ރައީސްގެ ހަފްތާ 14 ގައި ހިމެނޭ ކަމެކެވެ.