އިސްލާމިކް މިނިސްޓްރީ

މިސްކިތްތަކުގައި ގާރީ ކްލާސްތައް ރަސްމީކޮށް ފަށައިފި

ހިލޭ ސާބަހަށް މިސްކިތްތަކުގައި ހިންގަން ނިންމާފައިވާ ގާރީ ކްލާސްތައް މިއަދުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް "މިސްކިތު ގާރީ ކިލާސް"ގެ ނަމުގައި ގާރީ ކްލާސްތައް ހިންގަން ފަށާނެ ކަމަށާއި މިއަދު ޖުމްލަ 23 ރަށެއްގައި ފަށާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ގާރީ ކްލާސް ހިންގުމަށް ޖުމްލަ 29 ފަރާތަކާއި ތިން ޖަމިއްޔާއެއް ކުރިމަތިލާފައިވާ ކަމަށާއި 29 ތަނެއްގައި ކްލާސްތައް މިވަގުތު ހިންގުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

"މި ޕްރޮގުރާމުގެ ދަށުން ހިންގާ ހުރިހާ ކިލާސްތަކެއްވެސް ހިންގަނީ ހިލޭސާބަހަށް،" މިނިސްޓްރީން ބުންޏެވެ.

މިސްކިތްތަކުގައި ހިންގާ މި ކްލާސްތަކުގައި ބަލައިގެން ކިޔުމާއި ހިތުދަސްކުރުން ވެސް ކުރިއަށްދާނެ އެވެ.

ކްލާސްތައް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ 14 އަތޮޅެއްގަ އެވެ. އެއީ ހއ، ހދ، ނ، ބ، ކ، އއ، އދ، މ، ތ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅެވެ. މީގެ އިތުރުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ވެސް މި ކުލާސްތައް ހިންގާނެ އެވެ.

ގާރީ ކްލާސްތައް ފުރަތަމަ ފަށާ ރަށްތައް

  • މާލެ ސިޓީ
  • ⁠ހުޅުމާލެ
  • ⁠ވިލިމާލެ
  • ⁠އައްޑޫ ސިޓީ
  • ފުވައްމުލަށް ސިޓީ
  • ހދ. ކުޅުދުއްފުށި
  • ⁠އދ މަހިބަދޫ
  • ލ. އިސްދޫ
  • ⁠ތ. އޮމަދޫ
  • ނ. ވެލިދޫ
  • ⁠ހއ. ކެލާ
  • ގއ. ކޮނޑޭ
  • ށ. ފުނަދޫ
  • ބ. ތުޅާދޫ
  • ⁠ގދ. ނަޑެއްލާ
  • ⁠ސ. ފޭދޫ
  • ލ. މާވަށް
  • ⁠އދ. މާމިގިލި
  • ⁠އއ. ތޮއްޑޫ
  • ކ. ތުލުސްދޫ
  • ⁠ބ. ކުޑަރިކިލި
  • މ. މުލަށް
  • ⁠ތ. ކިނބިދޫ

ހިލޭ ސާބަހަށް ހިންގާ ގާރީ ކްލާސްތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފެށުމަކީ ރައީސުމްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަދުފުޅެކެވެ. އަދި މިއީ މިސްކިތްތަކުގެ ދައުރު ފުޅާކުރުމުގެ މަގުސަދުގައި ކުރާ މަސައްކަތްތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ކްލާސްތަކަށް ދާ ކުދިންނަށް ރައްކާތެރި މާހައުލެއްގައި ކިޔަވައިދިނުމަށް އިލްތިމާސް ކުރައްވާފަ އެވެ.