މި ދައުރުގެ ތެރޭގައި ކުރެވޭ މަސައްކަތްތަކަކީ ކުރިއަށް އޮތް ގަރުނަށް ދިވެހި ގައުމު އިސްލާމީ އަގީދާއާއެކު ވަރުގަދަކަމާއެކު ފޯރުކޮށްދިނުން ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިސްލާމްވީ ދުވަހުގެ ރަސްމީ ޖަލްސާގައި މިނިސްޓަރު ޝަހީމް ވަނީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދެމެހެއްޓުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.
ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް މީގެ ކުރިން އިނާމު ދެމުން ދިޔައީ ދަރަޖަތަކަކަށް ބަހާލައިގެންކަން ފާހަގަކުރައްވާ މިނިސްޓަރު ޝަހީމް ވަނީ އެކަން އުވާލައި ހުރިހާ ހާފިޒުންނަށް އިނާމު ދޭން ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރަނގަޅު އަދި މުހިއްމު ނިންމުމެއް ކަމަށް ވިދާޅުވެފަ އެވެ.
"ކިރީތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ހިމެނޭ. އެ ފަރާތްތަކުގެ ކިޔެވުމުގެ ފެންވަރާއި ރާގާއި އެފަދަ ކަމެއް ނެތް މީހުންގެ ކިޔެވުމާއި ފެންވަރާއި ރާގާއި ތަފާތު،" ޝަހީމް ވިދާޅުވި އެވެ.
އެކި މީހުންގެ ކިޔެވުން ތަފާތު ނަމަވެސް ޤުރުއާން ހިތުދަސްކުރުމަކީ މަތިވެރި ކަމެއް ކަމަށާއި އެކަން ފާހަގަކުރަންޖެހޭ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި ދަރަޖަތަކަކަށް ބަހާލުމުގެ އުސޫލު އުވާލުމާއެކު އެއްވެސް ހާފިޒަކު ބާކީވެގެން ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގުރުއާން ހިތުދަސްކޮށް މިއަދު އިނާމު ހާސިލުކުރި ހާފިޒުންގެ ތެރޭގައި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިން ތިބިކަން ފާހަގަކުރައްވާ ޝަހީމް ވަނީ އޭގެ ތެރޭގައި ގުރުއާނުގެ އާޔަތުގެ ނަންބަރާއެކު ހިތުދަސްކޮށްފައިވާ ހާފިޒުން ތިބި ކަމަށް ވިދާޅުވެފަ އެވެ.
ގުރުއާންގެ އިލްމު ރާއްޖޭގައި ފެތުރުމަށް ރައީސްގެ އިރުޝާދުގެ ދަށުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.