ސަލްމާން މިސްކިތުގައި މިހާރު ހިންގަމުން ގެންދާ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގައި ކިޔަވާ ކުދިން އިތުރުވެއްޖެނަމަ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޖާގައިގެ ދަތިކަން ކުރިމަތި ވާނެ ކަމުގައި އެ މަރުކަޒުން ބުނެފި އެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ޑިރެކްޓަރު އިބްރާހިމް އަބްދުލް ކަރީމް އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިވަގުތު ޖާގައިގެ ދަތިކަން ނެތް ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ކުދިން ގިނަވާނެ ކަމަށާއި އެކަމުގެ ސަބަބުން ޖާގައިގެ ދަތިކަން ކުރިމަތި ވާނެ ކަމަށެވެ.
އިބްރާހިމް ވިދާޅުވީ ސަލްމާން މިސްކިތުން ލިބުނު ޖާގައަކީ ހަމަ ކުރިން ގުރުއާނާ ބެހޭ މަރުކަޒު ހިންގަމުން ދިޔަ އިމާރާތާއި އެއްވަރެއްގެ ޖާގައެއް ކަމަށެވެ. މިވަގުތު ކީރިތި ގުރުއާނާ ބެހޭ މަރުކަޒަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ސަލްމާން މިސްކިތުގެ އޭސީތައް މަސައްކަތް ނުކުރާ މައްސަލަ ކަމުގައިވެސް ވިދާޅުވި އެވެ.
"އޭސީތައް މަސައްކަތް ނުކުރާތީ ވަރަށް ބޮޑަށް އުނދަގޫވޭ. ނަމަވެސް މިމަހުގެ ތެރޭގައި އެކަން ހައްލު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން އަންގާފައި ވަނީ،" އިބްރާހީމް ވިދާޅުވި އެވެ.
ސަލްމާން މިސްކިތުގެ އޭސީތައް ހަލާކުވެފައި ހުންނަތާ އެތައް ދުވަހެއް ވެފައިވާ އިރުވެސް މައްސަލައަށް ސަރުކާރުން ހައްލެއް ހޯދައިދީފައި ނުވާތީ މިސްކިތަށް ނަމާދަށް ދާ ބައެއް އާންމުންވެސް ގެންދަނީ ޝަކުވާ ކުރަމުންނެވެ.
މިއަހަރުގެ އޮގަސްޓުން ފެށިގެން ގުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ކުރަމުން ދަނީ ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިފިލާގަ އެވެ. އޭރު މިސްކިތަށް އިންޓަނެޓުގެ ހިދުމަތް ނުލިބޭތީ ބައެއް މަސައްކަތްތައް ބަދަލު ކުރެވިފައި ނުވި ނަމަވެސް މިހާރު ހުރިހާ މަސައްކަތެއްވެސް ކުރަމުން ދަނީ ސަލްމާން މިސްކިތުގަ އެވެ.
ގުރުއާނާ ބެހޭ މަރުކަޒުގައި މިވަގުތު 1،000 ކުދިން ކިޔަވަމުންދާ ކަމަށް އެ މަރުކަޒުން ބުނެ އެވެ. ނަމަވެސް މި އަދަދު އަންނަ އަހަރު އިތުރުވާނެ ކަމަށް އެ މަރުކަޒުން ލަފާ ކުރެ އެވެ.
ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ކޯސްތަކާއި އެމަރުކަޒުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަލްމާން މިސްކިތުގެ ސެމިނާ ރޫމަކާއި، ކޮންފަރެންސްތައް ބޭއްވުމަށް އޮޑިޓޯރިއަމް ދަނީ ބޭނުންކުރަމުންނެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒަކީ އެކި އުމުރުފުރާތަކުގެ މީހުންނަށް ގުރުއާން ކްލާސްތަކާއި ކޯސްތައް ހިންގައިދީ އަދި ގާރީ ކޯހާއި އިމާމް ކޯހުގެ އިތުރުން ހާފިޒުން ވެސް ތަމްރީން ކުރާ މަރުކަޒެކެވެ. މީގެއިތުރުން ބައިނަލްއަގްވާމީ ގުރުއާން މުބާރާތްތަކުގައި ރާއްޖޭން ބޭރުގައި ދިވެހިރާއްޖެ ތަމްސީލް ކުރުމަށްޓަކައި މީހުން ތަމްރީން ކުރުމަކީ ވެސް ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ކުރަމުންދާ މަސައްކަތެކެވެ.