ސަލްމާން ރަސްގެފާނު މިސްކިތް

ހައްޖު މަހަށްފަހު ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވަނީ

މިއަހަރުގެ ހައްޖު މަހަށްފަހު ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ ޑރ. ޝަހީމް ވިދާޅުވީ ހައްޖު މަހަށްފަހު ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވާ ދިނުމަށް ސައުދި އަރަބިއްޔާގެ ފާހަގަކޮށްލެވޭ ބޭފުޅަކު ރާއްޖެ ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޝަހީމް ވިދާޅުވީ ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވި ނަމަވެސް އެ މިސްކިތް ބޭނުންކުރަމުންދާތީ ރަސްމީކޮށް މިސްކިތް ހުޅުވޭނީ ބައެއް މަރާމާތަށްފަހު ކަމަށެވެ. ހާއްސަ ގޮތެއްގައި ސަލްމާން މިސްކިތް ފިނިކުރަން ބޭނުންކުރާ ނިޒާމު އަލުން މަރާމާތު ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ޝަހީމު ވިދާޅުވީ ސަލްމާން މިސްކިތުގެ ފިނިކުރާ ނިޒާމު މަރާމާތު ކުރަން އެކަނިވެސް ހަ މިލިއަން ރުފިޔާ ބޭނުންވެ އެވެ. އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ ފިނިކުރާ ނިޒާމު ރަނގަޅު ކުރުމަށްފަހު އެ ނިޒާމު ބެލެހެއްޓުން ދިވެހިންގެ ބަޔަކާ ހަވާލުކުރުމަށް ވިސްނަވަމުންދާ ކަމަށެވެ.

"އަޅުގަނޑަށް އެންމެ ފަހުން މައުލުމާތު ލިބުނު ގޮތުގައި ރާއްޖޭގައިވެސް އެބަތިބި މި ސިސްޓަމް ބެލެހެއްޓޭނެ މީހުން. އެހެންވީމަ އަޅުގަނޑުމެން މިބަލަނީ ދިވެހިންނާ ހަވާލުކުރަން،" ޝަހީމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރަން ފެށި ސަލްމާން މިސްކިތް 2020 ވަނަ އަހަރު މުޅިން ނިންމުމަށްފަހު މި މިސްކިތް ނުރަސްމީކޮށް ހުޅުވީ އޭޕްރީލް 1، 2022 ގައެވެ.