ކީރިތި ގުރުއާން

ގުރުއާން ކިޔެވުމުގެ 35 ވަނަ ގައުމީ މުބާރާތް ފަށައިފި

Dec 22, 2022

ކީރިތި ގުރުއާން ކިޔެވުމުގެ 35 ވަނަ ގައުމީ މުބާރާތް ފަށައިފި އެވެ.

ކިންގް ސަލްމާން މިސްކިތުގެ ޖަލްސާކުރާ މާލަމުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި މުބާރާތް މިރޭ ފައްޓަވައިދެއްވީ ނައިބް ރައީސް ފައިސަލް ނަސީމު އެވެ.

މިރަސްމިއްޔާތުގެ ކުރިން ނައިބް ރައީސް ވަނީ، "މަޚުރަޖާނުލް ޤުރުއާން" އިފްތިތާހްކޮށްދެއްވާފަ އެވެ. މިހަރަކާތް ކުރިއަށް ދަނީ، ކިންގް ސަލްމާން މިސްކިތުގެ ގޯތި ތެރޭގަ އެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ވަނީ ގުރުއާނުގެ އިލްމާއި އިސްލާމީ ތައުލީމު ފެތުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ.

ނައިބް ރައީސް ވިދާޅުވީ ރާއްޖޭގައި ވަރަށް ޅައުމުރުގައި ކުޑަކުދިން ކީރިތި ގުރުއާން ހިތުދަސްކުރަމުންދާ ކަމަށާއި ބައިނަލްއަގްވާމީ ގުރުއާން މުބާރާތްތަކުންވެސް ފަހުރުވެރި ކާމިޔާބީތައް ހޯދަމުންދާތީ އެއީ ފާހަގަކުރަންޖެހޭ ކަންތައްތަކެއް ކަމަށެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، އަޅުގަނޑުމެންނަކީ އަބަދުވެސް ގުރުއާނަށް ލޯބިކުރާ، އަދި ގުރުއާން ގިނަގިނައިން ކިޔަވާ، ގުރުއާނުގެ މާނަ އޮޅުންފިލުވައި، ގުރުއާނުގައި އަންގަވާފައިވާ ގޮތަށް އުޅޭބަޔަކަށްވުމަށް މަސައްކަތް ކުރެއްވުމަށް އިލްތިމާސްކުރެއްވި އެވެ.

ތިން ބަޔަކަށް ކުރިއަށް ގެންދާ މިއަހަރުގެ މުބާރާތުގައި 1،023 ބައިވެރިން ކިޔެވުމަށް ހަމަޖެހިފައިވެ އެވެ.