ހަބަރު

ބޭރުގައި ތިބި ދަރިވަރުންނަށް ދިވެހި، ގުރުއާން އޮންލައިންކޮށް ކިޔަވައިދެނީ

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އިސްލާމް، ދިވެހި، އަދި ގުރުއާން މާއްދާ އޮންލައިންކޮށް ކިޔަވައިދިނުމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާ ކޮށްފި އެވެ. ނާއިބް ރައީސްގެ އިސްނެންގެވުމަށް ބޭއްވި މި ބައްދަލްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އެވެ.

މި ބައްދަލްވުމުގައި ނާއިބް ރައީސް ވަނީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ދިވެހި ބަހާއި ގުރުއާން އަދި އިސްލާމް ފަދަ މާއްދާތައް ކިޔަވައިދިނުމުގެ މުހިންމުކަމާއި، ދިވެހިންގެ އާދަކާދައާއި ސަގާފަތަށް އެ ކުދިން އަހުލުވެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މިކަން ހާސިލުކުރުމަށް ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް އެ މަަސައްކަތް ފެށޭނެ ދުވަހެއް ނުބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަދ ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ އާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އަދި ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް މި މާއްދާތައް ކިޔަވައިދިނުމުގެ މަސައްކަތް ފެށުމަށް އެ އިދާރާތަކުން ކުރަންޖެހޭ އިންތިޒާމުތައް ކުރިއަށް ގެންދަވާނެކަމުގައި ވިދާޅުވެފައި ކަަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެއެވެ.