ފައިސަލް ނަސީމް

"ސަރުކާރުން ދީނީ ކަންކަމަށް ސަމާލުކަން ދޭ"

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ދީނީ ކަންކަމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ 34 ވަނަ ގައުމީ ގުރުއާން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ފައިސަލް ވިދާޅުވީ މި ސަރުކާރުން ދީނީ ކަންކަމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމަށެވެ. އަދި އެކަންކަން ކާމިޔާބާއެކު ކުރިއަށް ގެންދެވެނީ ސަރުކާރުގެ ބައެއް އިސްވެރިންނާއި އަމިއްލަ ބައެއް މީހުންގެ އެއްބާރުލުމާއި ވެސް އެކުގައި ކަމަށެވެ.

ގުރުއާން މުބާރާތްތައް 1970 ވަނަ އަހަރުން ފެށިގެން ކާމިޔާބު ކަމާއިއެކުގައި ކުރިއަށް ގެންދަމުންދާ ކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ދިވެހިންގެ ހިތްތަކުގައި އެންމެ ބޮޑު ގަދަރެއް އަބަދުވެސް ދެވިފައި ވަނީ ގުރުއާނަށް ކަމަށެވެ. އަދި ދިވެހިން އެންމެ ލޯބިވަނީ އިސްލާމް ދީން ދެކެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން އޮތީ އިދާރަކުރެއްވިއްޔާ ދުވަހަކު ވެސް ރާއްޖެއިން އިސްލާމް ދީނުގެ ނޫރު ފިލައިގެން ނުދާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ހިތްތަކުގައި އެ ގަދަރާއި ލޯބި ދުވަހަކުން ދުވަހެއް ދާނީ އިތުރުވަމުން." ނައިބު ރައީސް ވިދާޅުވި އެވެ