ފައިސަލް ނަސީމް

ގައުމު ކުރިއެރުވޭނީ އެކުގައި މަސައްކަތް ކޮށްގެން: ނައިބު ރައީސް

ގައުމު ކުރިއެރުވޭނީ އެކުގައި މަސައްކަތް ކޮށްގެން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ގުރުއާނާ ބެހޭ މަރުކަޒުގެ ފުވައްމުލަކު ގޮފިން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ދުޅަހެޔޮ ރަނގަޅު ޖީލެއް ބިނާކުރެވޭނީ ގުޅިގެން އެކުގައި މަސައްކަތް ކުށްގެން ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ. އަދި އެމީހަކަށް ލިބިފައިވާ އިލްމެއްގެ ބޭނުންހިފައި، ދަސްކޮށްފައިހުރި އެއްޗެއްގެ ބޭނުންކޮށްގެން މުޖުތަމައުގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރަންޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މި މުޖްތަމައުގައި ބޮޑެތިވަމުންދާ ދަރީންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް ގަދައަޅާ މަސައްކަތް ކޮށްދެން ޖެހޭ." ނައިބު ރައީސް ވިދާޅުވި އެވެ.

ރޭ ހާފިޒް އަހްމަދު ސްކޫލު ހޯލުގައި ކުރިޔަށްދިޔަ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ގުރުއާނާ ބެހޭ މަރުކަޒުގެ ފުވައްމުލަކު ގޮފިން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.

އެ ހަފްލާގައި 27 ދަރިވަރަކު ޖަމާއަތްތެރިކަމުގެ ކޯހުގެ ސެޓްފިކެޓް، 45 ދަރިވަރަކު ގިރާއަތު ސެޓްފިކެޓް 1، 38 ދަރިވަރަކު ގިރާއަތު ސެޓްފިކެޓް ދޭއް، 28 ދަރިވަރަކު ގިރާއަތު ސެޓްފިކެޓް ތިނެއް، 16 ދަރިވަރަކު ގިރާއަތު ސެޓްފިކެޓް ހަތަރެއް، 17 ދަރިވަރަކު އިމާމް ކަމުގެ ޑިގްރީ ކޯހުގެ ސެޓްފިކެޓް، 13 ދަރިވަރަކު ގުރުއާން މުދައްރިސްކަމުގެ ޑިގްރީ ކޯހުގެ ސެޓްފިކެޓް ހާސިލްކޮށްފައި ވެއެވެ.