ފައިސަލް ނަސީމް

ނައިބް ރައީސް އައްޑޫއާއި ފުވައްމުލަކަށް ފުރާވަޑައިގެންފި

ނައިބު ރައީސް ފައިސަލް ނަސީމް، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ނައިބު ރައީސް އެންމެ ފުރަތަމަވަޑައިގަންނަވާނީ ފުވައްމުލަކަށެވެ. ފުވައްމުލައް ސިޓީ ކައުންސިލާއި އެ ސިޓީގެ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ނައިބް ރައީސްގެ މިދަތުރުފުޅުގައި ފުވައްމުލަކުގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ވެސް ބަލައިލައްވާނެ އެވެ. މީގެ އިތުރުން ފުވައްމުލަކުގައި ކުރިއަށް ގެންގޮސްފައިވާ ބައެއް މަޝްރޫއުތައް ރަސްމީކޮށް އިފްތިތާހްކުރައްވާ، ބައެއް މަޝްރޫއުތައް ފެށުމަށްޓަކައި ބިންގާ އަޅައިދެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ދެވަނަ މަންޒިލެއްގެ ގޮތުން ނައިބު ރައީސް ވަޑައިގަންނަވާނީ އައްޑޫ ސިޓީއަށެވެ. އެ ދަތުރުފުޅުގައި އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރުމާއި ބައެއް އިދާރާތަކުގެ އިސްވެރިންނާއި ނައިބު ރައީސް ބައްދަލު ކުރައްވާނެ އެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި ޓްރެއިނިން ޕްރޮގްރާމެއް ވެސް ފައްޓަވައިދެއްވުމަށް ހަމަޖެހިފައިވެ އެވެ.

ނައިބު ރައީސް ފުވައްމުލައް އަދި އައްޑޫއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު އެވެ.