އިސްލާމިކް މިނިސްޓްރީ

ބޭރުގައި އުޅޭ ދަރިވަރުންނަށް ގުރުއާން ކްލާސްތަކެއް

ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ކީރިތި ގުރުއާން އުނގަންނައި ދިނުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

އެ ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ.

މިއީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިނަށް ގުރުއާން އުނގެނުމަށް އޮތް ފުރުސަތު ފުޅާ ކުރާ ޕްރޮގްރާމެކެވެ. އަދި ގުރުއާނަށް އަހުލުވެރިކޮށް ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ގިރާއަތު ސެޓްފިކެޓް ފެންވަރަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށް ދޭނެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ ބެލެނިވެރިންނަށް ވެސް އެފަދަ ޕްރޮގްރާމެއް ފެށުމަކީ އުއްމީދެއް ކަމަށާއި މި ޕްރޮގްރާމް ފުރަތަމަ ބާއްވާނީ މެލޭޝިޔާ އާއި ސްރީލަންކާ އަދި އިންޑިޔާ ގައި ކަމަށެވެ.

ޕްރޮގަރާމްގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގައި މެލޭޝިޔާ އިން 66 ބައިވެރިން ސްރީލަންކާއިން 25 ބައިވެރިއެއްގެ އިތުރުން އިންޑިޔާ އިން އަށް މީހަކު ރަޖިސްޓްރީ ކޮށްފައި ވެއެވެ.