ކީރިތި ގުރުއާން

ގައުމީ ގުރުއާން މުބާރާތް އޮންލައިންކޮށް ބާއްވަން މަޝްވަރާކޮށްފި

މި އަހަރުގެ ގައުމީ ގުރުއާން މުބާރާތް ނުބާއްވާ ގޮތަށް ނިންމައި އެކަން އިއުލާނު ކޮށްފައި ވަނިކޮށް އެ މުބާރާތް އޮންލައިންކޮށް ބޭއްވުމާމެދު މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ރާއްޖޭގައި ދީނީ އެއްބައިވަންތަކަން އާލާކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ރާއްޖޭގެ ދީނީ އިލްމުވެރިންނާއެކު، ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ބޭއްވެވި ބައްދަލްވުމުގަ އެވެ.

ކީރިތި ގުރްއާނާބެހޭ ގައުމީ މަރްކަޒުން މި މަހުގެ ދެވަނަަ ދުވަހު އާންމުކުރި އިއުލާނެއްގައި ބުނީ މި އަހަރު ބާއްވަން ނިންމާފައި އޮތް ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތް، ނުބާއްވަން ނިންމާ އެކަން އަންގާ ކަމަށެވެ.

ނަމަވެސް މިއަދު ބޭއްވެވި ބައްދަލުވުމާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ހަވީރު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ގައުމީ ގުރުއާން މުބާރާތް އޮންލައިންކޮށް ބޭއްވުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

މި އަހަރުގެ ގައުމީ ގުރުއާން މުބާރާތް ނުބާއްވާ ގޮތަށް ނިންމައި އެކަން އިއުލާނުކުރީ ކޮވިޑްގެ ބަލި މަޑުކަމާއި ގުޅިގެންނެވެ. ނަމަވެސް މި އަހަރު ގިނަ މުބާރާތްތަކެއް އޮންލައިން ކޮށް ބާއްވާފައިވާތީ އަދި އެތައް ހަރަކާތްތަކެއް އޮންލައިން ކޮށް ކުރިއަށް ގެންދާނީ ގުރުއާން މުބާރާތްވެސް އޮންލައިން ކޮށް ނުބޭއްވެންވީ ސަަބަބެއް ނެތް ކަމަށް ބުނެ ގިނަ ބަޔަކު ސަރުކާރުގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ.