ދުނިޔެ

ކޯސިކާގައި މުސްލިމުން ނަމާދުކުރަން ތިބި މިސްކިތަކަށް ހަމަލާދީފި

ފްރެންޗް މެޑިޓެރޭނިއަން ރަށެއް ކަމަށްވާ ކޯސިކާގައި މުސްލިމުން ތަކެއް ނަމާދުކުރަން ތިބި މިސްކިތަކަށް، މުޒާހަރާ ކުރަމުންދިޔަ ބަޔަކު ހަމަލާދީފި އެވެ.

އޮފިޝަލުން ބުނީ މުޒާހަރާކުރަމުން ދިޔަ މި މީހުން މިސްކިތުގައި ހުރި ކީރިތި ޤުރުއާންގެ ކޮޕީތަކެއް އަންދާލަން ވެސް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ކޯސިކާގެ ވެރިރަށް އަޖަސިއޯ ސިޓީގައި ކުރިއަށް ދިޔަ މު މުޒާހަރާގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެފައިވާއިރު އެ މުޒާހަރާއަކީ މިދިޔަ ބުރާސްފަތި ދުވަހު ޒަހަމްވި ޕޮލިސް އޮފިސަރު އަދި ދެ ފަޔާ ފައިޓަރުންނާއެކު އެމީހުން ތިބިކަން ހާމަކޮށްދޭން ކުރިއަށް ގެންދިޔަ މުޒާހަރާއެކެވެ.

ހުކުރު ދުވަހު ކުރިއަށް ގެންދިޔަ މި މުޒާހަރާގައި ބައިވެރިން ވަނީ އަޖަސިއޯގެ ޕާފެކްޗާ ކުރިމައްޗަށް އެއްވެ ހިޔާލު ފާޅުކޮށްފަ އެވެ. އޭގެ ފަހުން މުސްލިމުން ނަމާދުކުރަން ތިބި މިސްކިތަށް ވަދެ "މިތަނުން ނުކުންނާށޭ، މީ އަހަރުމެންގެ ތަނެކޭ" ބުނެ މުސްލިމުންނާ ދިމާއަށް މުޒާހަރާގެ ބައިވެރިން ވަނީ ހަޅޭއްލަވާފަ އެވެ. މިސްކިތަކަށް ވަނުމަށްފަހު އެމީހުންވަނީ މިސްކިތުގައި ހުރި ޚަތިމްތައް އަންދަން މަސައްކަތް ކޮށްފަ އެވެ.

ފްރާންސްގެ ބޮޑުވަޒީރު މަނުއެލް ވޯލްސް ވަނީ މިހަމަލާ ކުށްވެރިކޮށް އެއީ ގަބޫލުކުރެވޭ ފަދަ އަމަލެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އިންޓީރިއާ މިނިސްޓަރު ބާނާޑް ސެޒްނީވެ ވެސް ވަނީ މިހަމަލާ ކުށްވެރިކޮށް ހަމަލާދިނުމުގައި ބައިވެރިވި މީހުން ހައްޔަރުކުރުމަށް ގޮވާލާފައެވެ.

މިދިޔަ ނޮވެމްބަރު މަހު ފްރާންސްގެ ޕެރިސް އަށް ދިން ހަމަލާއަށްފަހު އެގައުމުން ވަނީ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ. އެ ހާދިސާގައި 130 މީހުން ވަނީ މަރުވެފަ އެވެ.