ހަތިޔާރަކަށް ދަރަޖަ ކުރެވޭ ޒާތުގެ އެއްވެސް އެއްޗެއް ޔުކްރޭނަށް ފޯރުކޮށް ނުދޭނެ ކަމަށް ބަލްގޭރިއާއިން ބުނެފި އެވެ.
ބަލްގޭރިއާގެ ވެރިރަށް ސޯފިއާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބޮޑުވަޒީރު ކީރިއު ޕެޓްކޯފްް ވިދާޅުވީ ޔުކްރޭންގައި ހިންގަމުން ގެންދާ ހަމަނުޖެހުން ތަކުގެ ތެރެއަށް ބަލްގޭރިއާ ނުވަންނާނެ ކަމަށާއި ހަތިޔާރު ދިނުމެއް ވެސް ނޯންނާނެ ކަމަށެވެ.
އެހެން ނަމަވެސް، ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ޔުކްރޭނަށް ވަރަށް ބޮޑަށް ކަމޭހިތްތަވާނެ އެވެ. އަދި އިންސާނީ އެހީތެރިކަން ފޯރުކޮށް ދެއްވުމުގައި ދެމި އޮންނާނެ އެވެ.
ބޮޑުވަޒީރު ވިދާޅުވީ ޔުކްރޭންގެ ރެފިއުޖީންނަށް ބަލްގޭރިއާ ހުޅުވާލާފައި އޮތް ކަމަށެވެ. އަދި އެމީހުންނަށް ބޭނުންވާ ހުރިހާ ޒަރޫރަތެއް ދުވަހުން ދުވަހަށް ފޯރުކޮށް ދެއްވާނެ ކަމަށެވެ.
ބަލްގޭރިއާ ސަރުކާރުން ބުނި ގޮތުން ޔުކްރޭނަށް ހަތިޔާރު ފޯރުކޮށް ދިނުމަށް އެއްވެސް ގައުމަކުން އަދި އޭޖެންސީއަކުން ވެސް ނޭދެ އެވެ. އަދި ބުނީ އެދުނު ނަމަވެސް އެކަމަށް އިންކާރު ކުރާނެ ކަމަށެވެ.
ބަލްގޭރިއާގެ ރައީސް ރޯމަން ރަދޭފް ވިދާޅުވި ގޮތުގައި ޔުކްރޭނަށް ހަތިޔާރު ފޯރުކޮށް ދިނުމަކީ ހެދޭ ވަރަށް ބޮޑު ގޯހަކަށް ވާނެ އެވެ.
އޭނާ ވިދާޅުވީ ހަތިޔާރު ފޯރުކޮށް ދިނުމަށް ވުރެ މުހިއްމީ މަޝްވަރާ ކަމަށާއި އެކަމުގައި ބާރުއަޅުއްވާނެ ކަމަށެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން މިހާރު އުޅުއްވަނީ ބަލްގޭރިއާއަށް ކުރައްވާ ދަތުރުފުޅެއްގަ އެވެ. ރަސްމީ މަޝްވަރާތައް ބާއްވާނެ ކަމަށް ވިދާޅުވި ނަމަވެސް މަޝްވަރާ ކުރެއްވީ ކޮން ކަމަކާ ބެހޭ ގޮތުންކަން އަދި ސާފެއް ނުވެ އެވެ.
ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތަކުން އަރައިގަތުމަށް އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔުރަޕް ގައުމުތަކުން ގެންދަނީ ޔުކްރޭނަށް ހަތިޔާރު ފޯރުކޮށް ދެމުންނެވެ.
ޔުކްރޭނަށް ހަތިޔާރު ފޯރުކޮށް ދިނުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ބައެއް އެހެން ގައުމުތަކުން ވެސް ދެކެ އެވެ.