ހަބަރު

ނާޒިމް މައްސަލައިގެ ދެ އަޑުއެހުން މާދަމާ: މައްސަލަ ކުރިއަށްދަނީ ކިހިނެއް؟

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިސްތިއުނާފުގެ މައްސަލައިގެ ދެ އަޑުއެހުން މާދަމާ ބޭއްވުމަށް ތަވާލުކޮށްފި އެވެ.

ހައިކޯޓުގެ ޝެޑިއުލްގައިވާ ގޮތުން މާދަމާ 11:15 އަދި މެންދުރުފަހު 13:00 ގައި ނާޒިމްގެ މައްސަލައިގެ ދެ އަޑުއެހުމެއް ކުރިއަށްދާނެ އެެވެ. މިއީ ނާޒިމް ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ ހަތަރުވަނަ އަދި ފަސްވަނަ އަޑުއެހުމެވެ.

11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ނާޒިމްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހެޅީ މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. އިސްތިއުނާފް ކުރުމަށް ނާޒިމްގެ ފަރާތުން ހުށަހެޅުމުން، އެ މައްސަލަ ހައި ކޯޓުން ބަލައިގަތްފައިވަނީ މޭ މަހުގެ 11 ވަނަ ދުވަހުއެވެ.

ފުރަތަމަ އަޑުއެހުން:

ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ 21 ޖޫންގައެވެ. އެ އަޑުއެހުމުގައި ނާޒިމްގެ ފަރާތުން ވަނީ އިސްތިއުނާފުގެ މައްސަލަ ހުށަހަޅުއްވަމުން ގިނަ ނުކުތާތަކެއް ފާހަގަކުރައްވައިފައިވެ އެވެ. އެ ކަންތައްތަކަކީ؛ 

  • ނާޒިމްގެ މައްޗަށް ހުކުމްކޮށް މައްސަލަ ނިންމާފައި ވަނީ ގާނޫނާ ހިލާފަށް
  • ނާޒިމްގެ މައްޗަށް އެ މައްސަލަ ސާބިތުވާ ވަރުގެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތް
  • އެ ހަތިޔާރުގެ މައްސަލައާ މެދު ޝައްކުތަކެއް ހުއްޓައި މައްސަލަ ނިންމާފައިވުން
  • ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ބައެއް ހެކިންގެ ހެކިބަސް ދިމާ ނުވާކަން
  • މާތްﷲ ގަންދީ ހުވާކޮށްގެން ތިބެ ބައެއް ހެކިން ދޮގުހެކިބަސް ދީފައިވުން
  • ހެކިންނާއި ސުވާލުކުރުމުގެ ފުރުސަތު އެކަށީގެންވާ މިންވަރަށް ލިބިފައިނުވުން

ނާޒިމުގެ ވަކީލެއްގެ ގޮތުގައި އިސްވެ ހުންނަވަނީ ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއްްސޫދެވެ.

ދެވަނަ އަޑުއެހުން:

ނާޒިމްގެ އިސްތިއުނާފުގެ މައްސަލައިގެ ދެވަނަ އަޑުއެހުން ބާއްވާފައިވަނީ 22 ޖޫންގައެވެ. އެ އަޑުއެހުމުގައި ނާޒިމްގެ ވަކީލުން ހުށަހެޅި ނުކުތާތަކަށް ދައުލަތުގެ ވަކީލް އާދަމް އާރިފް ވަނީ ޖަވާބުދެއްވާފައެވެ. ދައުލަތުގެ ވަކީލު ފާހަގަކުރެއްވި ބައެއް ކަންތައްތައް: 

  • ދަށުކޯޓުން މައްސަލަ ނިންމީ ވަކިއަތަކަށް ބުރަވެ ކަމަށް ބުނާ ވާހަކައިގައި ބުރަދަނެއް ނެތް
  • ހުކުމްގެ ކުރިން ތައްޔާރުކޮށްފައި ވާ ކަމަށް ބުނެ ނާޒިމްގެ ވަކީލުން ބުނި ބުނުމަކީ ސައްހަ ބުނުމެއް ނޫންކަން
  • ގާނޫނާ ހިލާފަށް ފަނޑިޔާރުން އަމަލުކޮށްފައިވާކަން ނާޒިމްގެ ވަކީލުންނަށް ސާބިތުކޮށްދެވިފައި ނުވާކަން
  • ހެކިންނާ ސުވާލުކުރުމަށް ނާޒިމްގެ ވަކީލުން އެކަށީގެންވާ ފުރުސަތު ދީފައިވާކަން
  • މުޅި މައްސަލައިގެ ޖައުހަރަށް އަސަރު ކުރާނެފަދަ ތަފާތުކަމެއް ހެކިންގެ ހެކިބަހުގައި ނެތުމުން ހެކިންގެ ހެކިބަހަށް ރިއާޔަތްކޮށް މައްސަލަ ނިންމޭނެކަން
  • ޝަރީއަތުގެ މަޖިލީހުގައި އެއްވެސް ހެއްކެއްގެ ސައްހަކަން ގެއްލިފައި ނުވާތީ މައްސަލަ ނިންމާފައިވަނީ ގާނޫނުއަސާސީއާ އެއްގޮތަށްކަން

ކާނަލް ނާޒިމްގެ އިސްތިއުނާފުގެ މައްސަލަ އެ ހަފުތާ އެއްކޮށް ކުރިއަށް ގެންދަން ފުރަތަމަ އަޑު އެހުމުގައި ނިންމާފައިވެއެވެ. ނަމަވެސް ފަހުން ވަނީ ދެ އަޑުއެހުން ބޭއްވުމަށްފަހު އަޑު އެހުންތައް ކެންސަލްކޮށްފައެވެ. އޭގެފަހުން ނާޒިމްގެ އަޑު އެހުމެއް ބޭއްވުނީ މި މަހުގެ ތިންވަނަ ދުވަހުއެވެ. ނާޒިމްގެ އިސްތިއުނާފުގެ އަޑު އެހުންތައް ކުރިއަށް ނުގެންދާތީ ނާޒިމްގެ ގާނޫނީ ވަކީލުން އެކި ފަހަރު މަތިން ކަންބޮޑުވުން ފާޅުކޮށް އަޑު އެހުންތައް އަވަހަށް ބޭއްވުމަށް ކޯޓުގައި އެދިފައިވެއެވެ.

ނާޒިމްގެ މައްސަލަ އަލުން ފަށާފައިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބޮޑު ބަދަލެއް އައި ފަހުންކަން ފާހަގަކޮށްލެވެއެެވެ. އެގޮތުން ނައިބު ރައީސްކަމުން މުހައްމަދު ޖަމީލު އަހުމަދު ކުއްލި ގޮތަކަށް ބަދަލުކޮށް އެ މަގާމަށް ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަހުމަދު އަދީބު އަބްދުލް ގަފޫރު ހަމަޖައްސާފައިވެއެވެ. އަދި ސީރިއަސް ތުހުމަތުތަކަކާއެކު އަދީބު މަގާމުން ވަކިކޮށްފައިވަނީ ވެސް ނާޒިމްގެ އިސްތިއުނާފުގެ މައްސަލަ ކޯޓުގައި މަޑު ޖެހިފައިވަނިކޮށެވެ.

ނާޒިމްގެ މައްސަލާގައި ރައީސްގެ ބަސް

ނާޒިމްގެ މައްސަލަ ކޯޓުގައި ކުރިއަށް ދަނިކޮށް އެކަމާ ގުޅޭ ގޮތުން ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވާހަކަ ދައްކަވާފައިވެއެވެ. އެމަނިކުފާނު ދަތުރުކުރައްވަމުން ގެންދިވެ ލޯންޗްކޮޅުގައި އެއްޗެއް ގޮވުމުގެ ހާދިސާއަށްފަހު ގައުމާ މުހާތަބު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ނާޒިމް، ވަޒީރުކަމުން ވަކިކުރެއްވީ އެމަނިކުފާނުގެ ގެއިން ހަތިޔާރު ފެނިގެން ނޫން ކަމަށެވެ. ނަމަވެސް ރައީސް ވަނީ "ނާޒިމްގެ ގެއިން ފެނުނު ހަތިޔާރަކީ އެގޭގައި ހުރި އެއްޗެހި" ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުން ނާޒިމް އަށް ކުރެއްވި އިތުބާރު ގެއްލެން މެދުވެރިވި ސަބަބަކީ ސިފައިންގެ ބައެއް އޮފިސަރުން ކައިރީގައި ރައީސާ "ކޮންފްރަންޓް" ކުރަން ދިޔުމަށް ނާޒިމް އެދުމުންނެވެ.

ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ބުނެ ނާޒިމްގެ ވަކީލުން ކޯޓުގައި ވަކާލާތުކޮށްފައިވާއިރު ނާޒިމް ގެއިން ފެނުނު ހަތިޔާރަކީ ނާޒިމްގެ އެއްޗެއް ނޫން ކަމަށް ވެސް ވަކީލުން ބުނެފައިވެއެވެ. އަދި އެ މައްސަލާގައި ފުލުހުން ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

ނާޒިމްގެ މައްސަލައިގެ އަޑުއެހުންތައް މާދަމާ ކުރިއަށްދާނެއިރު ފުލުހުންގެ އޮފިސަރުންނަށް ކުރީގެ ނައިބު ރައީސް އަދީބު ރިޝްވަތުދިން މައްސަލައެއް ފުލުހުން ތަހުގީގުކުރުމަށްފަހު ޕީޖީއަށް ވަނީ ފޮނުވާފައެވެ. އަދި ގައުމާ މުހާތަބުކުރައްވަމުން ރައީސް ވަނީ އެމަނިކުފާނަށް ފުލުހުންގެ އިންޓެލް ރިޕޯޓް ނުލިބޭ ކަމަށާއި އެމަނިކުފާނު "ހައިރާންވާ" މިންވަރަށް އަދީބުގެ ނުފޫޒު ފުލުހުންގެ އިދާރާއަށް ވަދެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދީބުގެ ގެއިން ބަޑިއެއް ފެނުނު މައްސަލައިގެ ވެސް މިހާރު އަދީބުގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ. އަދީބުގެ ގެއިން ފުލުހުންގެ އިންޓެލް ރިޕޯޓްތަކެއް ވެސް ފެނިފައިވެއެވެ.

ތިންވަނަ އަޑުއެހުން:

ތިންވަނަ އަޑުއެހުން ބާއްވާފައިވަނީ މި ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުއެެވެ. އެ އަޑު އެހުމުގައި ދައުލަތުން ވަނީ ސިއްރު ލިޔުމެއް ހުށަހަޅާފައެވެ.

އެ ލިޔުން ހުށަހެޅުމަށްފަހު ދައުލަތުގެ ވަކީލް ވިދާޅުވީ އެ ލިޔުމުގައި ވާނީ ދަށު ކޯޓުގެ ހުކުމަށްފަހު، އެމައްސަލާގައި ދައުލަތަށް ފާހަގަކުރެވުނު ކަމެއްގެ ވާހަކަ ކަމަށެވެ. ލިޔުމަކީ ސިއްރު ލިޔުމެއް ކަމަށްވީ ނަމަވެސް ލިޔުމުގެ މުހިންމު ނުކުތާތައް ފާހަގަކޮށްދިނުމަށް ނާޒިމްގެ ވަކީލު ކޯޓުގައި އެދިފައިވެއެވެ. އަދި އެކަމަށް ދައުލަތުގެ ވަކީލް ވެސް ތާއިދުކޮށްފައިވެއެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ނިންމީ އެ ލިއުން ދިރާސާ ކުރުމަށްފަހު، ހިއްސާ ކުރަން ފެންނަ ނުކުތާތައް ނާޒިމްގެ ވަކީލުންނާ ހިއްސާ ކުރުމަށެވެ.

މި އަޑުއެހުމުގައި ނާޒިމް ގެއަށް ބަދަލުކޮށްދިނުމަށް ވެސް އެދިފައިވެއެވެ. ނަމަވެސް އެކަމަށް ހައިކޯޓުން ހުއްދަ ދީފައެއް ނުވެއެވެ.

ފަނޑިޔާރުން:

އިސްތިއުނާފުގެ މައްސަލަ ފެށިއިރު ހައި ކޯޓުގެ މައްސަލަ ބަލާ ބެންޗުގައި ތިއްބެވީ އަބްދުލް ޣަނީ މުހައްމަދާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުއްރައޫފްގެ އިތުރުން ފަނޑިޔާރު އައްބާސް ޝަރީފެވެ.
ނަމަވެސް އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި ތިއްބެވީ ތިން ފަނޑިޔާރުންނެވެ. އަބްދުއްރައުފް އާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ. ނާޒިމްގެ އިސްތިއުނާފުގެ މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު އައްބާސް ޝަރީފާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ވަނީ ހައި ކޯޓުގެ ދެވަނަ ގޮތްޕަށް