ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު އިތުރު ލީޑަރުންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިތުރު ތިން ސިޔާސީ ޕާޓީއެއްގެ ލީޑަރުންނާ ބައްދަލުކުރައްވައިފި އެވެ.

ރައީސް މުއިއްޒު މިއަދު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ އެވެ.

ރައީސް އޮފީހުގައި ވަކިވަކިން މިއަދު ކުރިއަށް ދިޔަ ބައްދަލުވުންތަކުގައި ރައީސް މުއިއްޒު ވަނީ ގާސިމްގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހްމަދު ޝިޔާމް މުހައްމަދުގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފްއާ ވެސް ބައްދަލުކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުންތަކާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެ އެވެ.

ސިޔާސީ ޕާޓީތަކުގެ ވެރިންނާއި ރައީސް މުއިއްޒު ބައްދަލުކުރައްވަން ފައްޓަވާފައި މިވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ވޯޓަށް އެހުމަށް ތައްޔާރުވެފައި ވަނިކޮށެވެ.