ދުނިޔެ

ރަޝިއާ-ޔުކްރޭން މައްސަލާގައި އިންޑިއާ ދެކޮޅަކަށް ނުކިރޭ

ޔުކްރޭނަށް ރަޝިއާ ސިފައިން ދެމުން ގެންދާ ހަމަލާތައް މުޅި ދުނިޔެ ކުށްވެރި ކުރަމުން ގެންދާއިރު އިންޑިއާ އަދިވެސް އޮތީ ހިމޭނުންނެވެ.

އެމެރިކާ ސްޕޮންސާ ކޮށްގެން އދ. ގެ ސަލާމަތީ މަޖިލީހުން ނެގި ވޯޓުގައި ވެސް ރަޝިއާ ކުށްވެރިކުރަން އިންޑިއާ ބޭނުމެއް ނުވި އެވެ. އެހެންކަމުން ވަކިކޮޅަކަށް އިންޑިއާ ވޯޓެއް ނުދެ އެވެ.

އިންޑިއާއިން މިހާރު ވެސް ގެންދަނީ ރަޝިއާއާ ގުޅުން ބަދަހި ކުރަމުންނެވެ. ރަޝިއާއިން ތެލާއި ގުދުރަތީ ގޭސް އަދި ހަކަތައިގެ އެހެން ބާވަތްތައް ގަތުމަށް ސައްލާ ކުރަމުންނެވެ.

އެމެރިކާ ކުރިން ބުނި ގޮތުން ރަޝިއާއިން ތެޔޮ ގަތުމަކީ އިންޑިއާއަށް ކުރެވި ދާނެ ކަމެކެވެ. އެކަމުގައި ގޯހެއް ނެތެވެ. އަދި އެއީ އެމެރިކާ އާއި ވިލާތުން ރަޝިއާއަށް އިގުތިސޯދީ ގޮތުން ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކާ ފުށުއަރާ ކަމެއް ވެސް ނޫނެވެ.

އެހެން ނަމަވެސް، އެމެރިކާގެ ކިބައިން މިހާރު ފެންނަނީ ކެތްމަދު ވެގެން އުޅޭ ތަނެވެ. އިންޑިއާ ވަކިކޮޅަކަށް ނުޖެހެންވީ ކީއްވެތޯ އާއި ރަޝިއާ ކުށްވެރި ކުރުމުގައި އެމެރިކާއާ ބައިވެރި ނުވާންވީ ކީއްވެތޯ ބުނެ ކުރެވޭ ސުވާލުތައް އެމެރިކާގެ އޮފިޝަލުންނަށް މާގިނައިން އެބަ ކުރެވެ އެވެ.

ރައީސް ޖޯ ބައިޑަންއަށް ވެސް އިންޑިއާއާ ދިމާއަށް އެއްޗެކޭ ވިދާޅުވެވިއްޖެ އެވެ. އަދި އިންޑިއާގެ އޮފިޝަލުންނަށް ވެސް އެއަޑު އިވިއްޖެ އެވެ.

ބައިޑަން ވިދާޅުވީ އިންޑިއާއަށް ވަކިކޮޅަކަށް ނުޖެހެވިގެން އުޅެނީ ދެކޮޅަށް ކިރޭތީ ކަމަށެވެ.

އެމެރިކާ އާއި ޖަޕާން، އޮސްޓްރޭލިއާ އަދި އިންޑިއާ ގުޅިގެން އުފައްދާފައި އޮތް އެއްބާރުލުން -- ކުއަޑް، ޖަމާއަތުގައި އިންޑިއާ ފިޔަވައި ދެންތިބި ގައުމުތައް އެމެރިކާއަށް ވަރަށް ބޮޑަށް އެއްބާރުލުން ދޭ ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ.

ޑރ. މަންމޯހަން ސިންގް އިންޑިއާގައި ބޮޑުވަޒީރުކަން ކުރެއްވިއިރު އެޑްވައިޒަރަކަށް ހުންނެވި ސަންޖަޔާ ބާރޫ ވިދާޅުވި ގޮތުގައި އިންޑިއާގެ ހައިސިއްޔަތު ތުރުތުރެއް ނާޅާނެ އެވެ. އޭނާ އަދި ވިދާޅުވީ އިންޑިއާ އަމިއްލަ ފައިމައްޗަށް ތެދުވީ އަމިއްލަ މަސައްކަތުން ކަމަށާއި އެހެން ބައެއްގެ ނުފޫޒަށް ނުގުޑާނެ ކަމަށެވެ.

ސަންޖަޔާ ބާރޫ ވިދާޅުވީ އިންޑިއާއަށް ހެޔޮ ގޮތް އިޚުތިޔާރު ކުރާނީ އިންޑިއާ ކަމަށާއި އެމެރިިކާ އާއި ޖަޕާނާއި ޔޫރަޕިއަން ޔޫނިއަން އަދި ރަޝިއާއާ އެކުވެސް ގާތް ގުޅުމެއް އޮންނާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުން އިންޑިއާއަށް އެންމެ މުހިންމީ ގައުމީ ސަލާމަތާއި ރައްކާތެރި ކަމެވެ. އިގުތިސޯދީ ގޮތުން ހަރުދަނާ ގައުމެއް ގޮތުގައި އިންޑިއާ ދެމިއޮންނަން އެދިވަޑައި ގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރަޝިއާ ފަަދައިން އަވައްޓެރިންނަކީ ވެސް އިންޑިއާއަށް މުހިންމު ބައެއް ކަމަށް ވެސް ސަންޖަޔާ ބާރޫ ވިދާޅުވި އެވެ.