ދުނިޔެ

ޖަޕާންގެ ބޮޑުވަޒީރަށް ރަޝިއާ ބަންދުކޮށްފި

ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާއަށް ރަޝިއާގެ ބޯޑަރުތައް ބަންދުކޮށްފި އެވެ.

ބޮޑުވަޒީރުގެ އިތުރުން ޖަޕާން ސަރުކާރުގެ މަތީ ފަންތީގެ 63 އޮފިޝަލަކަށް ވެސް ރަޝިއާ ބަންދު ކޮށްފައިވާ ކަމަށް އެގައުމުން ބުނެ އެވެ.

ރަޝިއާއިން ބުނީ ޖަޕާންގެ ބޮޑުވަޒީރަށާއި ސަރުކާރުގެ އިސް އޮފިޝަލުންނަށް ރަޝިއާ ބަންދުކުރަން ޖެހުނީ އަވަށްޓެރިކަމުގެ ގުޅުން ކަނޑައި ހަތުރުންގެ ދަރަޖައަށް ޖަޕާން ބަދަލުވެފައި ވާތީ ކަމަށެވެ.

ރަޝިއާ ދެކެ ޖަޕާން ރުޅިއަރައިގަނެގެން އުޅެނީ ޔުކްރޭން މައްސަލާގައި ކަމަށް ދުނިޔެއަށް ދެއްކި ނަމަވެސް، ރަޝިއާ އާއި ޖަޕާނާ ދެމެދު އޮތް ހަގީގީ ނުތަނަވަސް ކަމަކީ އެއީއެއް ނޫނެވެ.

ޖަޕާން އާއި ރަޝިއާ ދެމެދު އުފެދިފައި އޮތް ސަރަހައްދީ މައްސަލައެއް -- ޖަޕާންގެ ދެ ރަށެއް ރަޝިއާގެ އަސްކަރިއްޔާއިން ޖަހައިގަތް ކަމަށް ބުނާ މައްސަލައެއް ހައްލުނުވެ މިއަދާ ހަމައަށް ވަނީ ފޯރާފަ އެވެ. މިކަން މިހެން އޮއްވައި ރަޝިއާއިން ޔުކްރޭނަށް ހަމަލާދޭން ފެށުމުން ޖަޕާންގެ ވިސްނުން ބަދަލުކުރީ އެވެ.

ޔުކްރޭނަށް އަރައިގަނެ ރަޝިއާ ސިފައިން ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަނުން ރަޝިއާއަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކުގައި ޖަޕާން ވެސް ބައިވެރިވީ އެވެ.

ޖަޕާނުން ވަކިކޮޅެއް ނަގައި ރަޝިއާ ދޫކޮށްލީ ރަޝިއާއިން ޖަޕާންގެ ރަށްތައް ދޫކޮށްނުލައި އޮތުމުން ބަދަލުހިފުމަށެވެ.

އެގޮތުން ރަޝިއާއިން ހަކަތަ ނުގަތުމާއި މައުދަނާއި ކާބޯތަކެތި ޖަޕާނަށް އެތެރެކުރުން ވަނީ ވަރަށް ބޮޑަށް ތާށިކޮށްފަ އެވެ. އަދި ރަޝިއާއަށް ދަތިކުރަން އެހެން ގައުމުތަކުން ކުރާ ހުރިހާ ކަމެއްގައި ޖަޕާން ވެސް ބައިވެރިވެ އެވެ.

ރަޝިއާއިން ބުނީ ފުމިއޯ ކިޝިޑާގެ ސަރުކާރަށް ދަތިކުރެވެން ހުރި އިތުރު ގޮތްތައް ބަލައި އަދިވެސް ތާށިކުރާނެ ކަމަށެެވެ. އަދި ބުނީ ޑިޕްލޮމެޓިކް އުސޫލުތައް ދޫކޮށްލައި އަމިއްލަ އެޖެންޑާއަށް އެނބުރިގަންނަ ކޮންމެ ގައުމަކަށް ރަޝިއާ ރައްދު ދޭނެ ކަމަށެވެ.

ރަޝިއާއަށް އެތެރެވުން މަނާކުރި އޮފިޝަލުންގެ ތެރޭގައި ސަރުކާރުގެ އިސް މެމްބަރުންނާއި، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން، ޕްރޮފެސަރުން އަދި ނޫސްވެރިން ވެސް ހިމެނެ އެވެ.