ދުނިޔެ

ޔުކްރޭން ރެފިއުޖީންނަށް ޖަޕާނުން ވަޒިފާދެނީ

ޔުކްރޭނަށް ރަޝިއާ ސިފައިން ދެމުން ގެންދާ އަސްކަރީ ހަމަލާތަކާ ގުޅިގެން ގައުމުން ބޭރުވާ މީހުންނަށް ޖަޕާނުން ވަޒީފާ ދޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

ޖަޕާންގެ ޖަސްޓިސް މިނިސްޓަރު، ޔޮޝިހިސާ ފުރުކަވާ ވިދާޅުވި ގޮތުން ޔުކްރޭން ރައްޔިތުންނަށް ވިސާ ލުއިކޮށް ދިނުމާއި ގާނޫނީ ލަފާދިނުން އަދި ޖަޕާން ސަރުކާރުން ވަޒީފާ ވެސް ހަމަޖައްސައި ދޭނެ އެވެ.

ވަޒީރު ވިދާޅުވި ގޮތުން މަޝްވަރާތައް ދަނީ ކުރިއަށެވެ. އެހެން ނަމަވެސް ޔުކްރޭން ރެފިއުޖީންނާ މެދު އަމަލުކުރަން އަދި ވަކި ގޮތެއް ސަރުކާރުން ކަނޑަނާޅާ ކަމަށް ވެސް ވިދާޅުވި އެވެ.

ޔުކްރޭންގެ އަވަށްތަކަށް ބޮންއަޅައި ދެމުން ގެންދާ ރޮކެޓް ހަމަލާތަކަށް ބިރުން ގައުމު ދޫކޮށް އަވަށްޓެރި ޔޫރަޕްގެ ގައުމުތަކަށް ޔުކްރޭނުން މިހާރު ތިން މިލިއަން މީހުން އަރަފި ކަމަށް ޚަބަރުތައް ބުނެ އެވެ.

ޖަޕާނުން ބުނި ގޮތުން ޔުކްރޭންގެ 47 މީހުން މިހާރު ވެސް ޖަޕާން ސަރުކާރުގެ އެހީއަށް ވަނީ އެދިފަ އެވެ. އަދި އިތުރު މީހުން ޖަޕާނަށް އެތެރެވާނެ ކަމަށް ވެސް ޖަޕާނުން އަންދާޒާ ކުރެ އެވެ.

ޖަޕާނަށް އެތެރެވާ ދުވަހުން ފެށިގެން 90 ދުވަސް ވަންދެން ތިބެވޭނެ ގޮތް ހަދައިދޭނެ ކަމަށް ޖަޕާނުން ބުނެ އެވެ.

އެއަށް ފަހު ވިސާ އިތުރު ކުރުމާއި ދާއިމީ ހައްލު ހޯދަން ބޭނުންވާ މީހުންނަށް ތިބެވޭނެ ގޮތާއި ވަޒީފާ އަދި އިންސާނީ ހައްގުތަށް ކަށަވަރުކޮށްދެވޭނެ ކަމަށް ވެސް ޖަޕާން ސަރުކާރުން ބުނެ އެވެ.

އދ. އިން އަދާޒާ ކުރާ ގޮތުގައި ރަޝިއާ-ޔުކްރޭން ހަނގުރާމައިގެ ސަބަބުން ރެފިއުޖީންގެ ހާލަތަށް ވަރަށް ގޯސްވެގެންދާނެ އެވެ. އަދި އެމީހުންނާ މެދު ގައުމުތަކުން ދެކޭ ގޮތުގެ ސަބަބުން އިންސާނީ ބޮޑެތި މައްސަލަތައް ކުރިމަތިވާނެ އެވެ.